ވަގަށް ގެންދިޔަ ތިޖޫރީ ފައިސާތަކާއެކު ހޯދައިފި

އުނގޫފާރު: އެ ރަށުން ވަގަށް ނެގި އަމިއްލަ މީހެއްގެ ތިޖޫރީ ފުލުހުން ވަނީ ފައިސާތަކާއި އެކު ހޯދައިފަ -- ފައިލް ފޮޓޯ: އުނގޫފާރު.ކޮމް

ރ. އުނގޫފާރު އިން އިއްޔެ ވަގަށް ގެންދިޔަ އަމިއްލަ ފަރާތެއްގެ ތިޖޫރީ، އޭގައި ހުރި ފައިސާތަކާއި އެކު ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލާގައި ތަހުގީގަށް ލުބުނު މައުލޫމާތަކާއި ގުޅިގެން ފަޅުގެއެއް ބަލާ ފާސްކުރިއިރު ވަގަށް ގެންދިޔަ ތިޖޫރީ އެ ގޯތި ތެރެއަށް އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ތުޖޫރީ ވަގަށް ގެންގޮސް އޭތި ހުޅުވަން މަސައްކަތް ކުރި ނަމަވެސް ހުޅުވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އުންގޫފާރުގެ ވިޔަފާރި ވެރިއެއް ކަމަށްވާ ހަސަން މޫސާގެ ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ، އޭނާގެ އަންހެނުން ވިހައިގެން ހޮސްޕިޓަލްގައި އުޅެނިކޮށް އިއްޔެ ހުކުރު ވަގުތުގައެވެ. ތިޖޫރީ ވަގަށް ގެންދިޔައިރު އޭގައި ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް