ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ

އޭއެފްސީ ކޮލިފިކޭޝަންގައި ރާއްޖެއާއި ސައުދީ އަރަބިއާ ވާދަ ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭއެފްސީ 23 އަހަރުން ދަށު މުބާރާތުގެ ކޮލިފިކޭޝަންގައި ރޭ ސައުދީ އަރަބިއާއާ ވާދަކޮށް ދިވެހިރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ސައުދީގެ ޕްރިންސް ފައިސަލް ބިން ފަހްދު ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުން ރާއްޖޭގެ މައްޗަށް ސައުދީއިން ކުރި ހޯދީ 0-6 ގެ ބޮޑު ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނަށް އައުމުގެ ކުރިން ފިލިޕީންސްގައި ދިވެހި ރާއްޖެ ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި އެ ގައުމުގެ ޓީމު ތަކާއި ވާދަކޮށް މޮޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ރޭގެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

އޭއެފްސީ ކޮލިފިކޭޝަންގައި ރާއްޖެއާއި ސައުދީ އަރަބިއާ ވާދަ ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭއެފްސީ ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައިވަނީ އަރަބި ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީ، ޔޫއޭއީ އަދި ލުބްނާނާއެކު ގްރޫޕް 'ޑީ'ގަ އެވެ. ރޭގެ ނަތީޖާއަށްފަހު ކުރިއަށް ހުރި މެޗުތަކުގައި ވާނެ ގޮތެއް ބުނަން ދަތި ނަމަވެސް ޓީމު އެދެނީ ދިވެހިންގެ ތަރުހީބެވެ.

ބޮޑު ތަފާތަކުން ރޭ ސައުދީ އަތުން ރާއްޖެ ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ސައުދީ އަށް ޖެހިފައި ވަނީ 2 ގޯލެވެ. އެ ހާފުގައި ރާއްޖެއިން ސައުދީ ގޯލަށް ނުރައްކާ ކުރަން ފުރުސަތުތަކެއްވެސް ވަނީ ފަހި ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނުކުމެ ސައުދީއިން ވަނީ ރާއްޖެ ކޮޅަށް އިތުރު ހަތަރު ގޯލު ޖަހާފައެވެ.

އޭޝިޔާގެ 44 ގައުމަކުން ކޮލިފިކޭޝަން ބުރުގައި ބައިވެރިވާ އިރު ކޮންމެ ގްރޫޕަކަށް ހަތަރު ގައުމު ވާނެ ހެން ޖުމްލަ 11 ގްރޫޕަކަށް ޓީމުތައް ބަހާލާފައިވާ އިރު ތައިލަންޑުގައި ބާއްވާ އޭއެފްސީގެ 23 އަހަރުން ދަށުގެ މުބާރާތައް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ތައިލެންޑް ކޮލިފިކޭޝަނުގައި ބައިވެރިވެފައި ވީ ނަމަވެސް އެ ޓީމު އެ މުބާރާތުގައި ވާދަ ކުރުމުގެ ހިލޭ ފުރުސަތު ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ދެން ބައްދަލު ކުރާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ޔޫއޭއީއާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 7:25 ގައެވެ.

comment ކޮމެންޓް