އޭނާއަށް ދެން ހޭލެވުނީ ހޮސްޕިޓަލް ގައި އޮއްވައެވެ. ސިހިފައި ވަށައިގެން ހޯދާލެވުމާއެކު ދެތިން ފުންނޭވާ އަނާލް ލިއެވެ.

"ނާލް" އިޒިއަން އަނާލްއަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ. އޭނާ އައިސް އަނާލް ކުޑަކޮށް ތެދުކޮށްލަދިނެވެ.

އިޒް" ރޮވިފައިވި އަޑަކުން ގޮވާލުމާއެކު އަނާލް އިޒިއަންގެ ގައިގައި ބައްދާލިއެވެ. އަދި އޭނާ ދޫކޮށް ނުދިޔުމަށް އެދި އާދޭސް ކުރަން ފެށިއެވެ.

"އަހަރެން ނޫޅެމޭ ނާލް ދޫކޮށްލާކަށް، ކާކުތަ ބުނީ އަހަރެން ދާނެޔޭ ނާލް ދޫކޮށްލާފަ؟" އިޒިއަން ވަށައިގެންވީ އެންމެނަށް ބަލާލަމުން ބުނެލިއެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް ސަމާލުކަން ނުދެވި އަނާލްއަށް އިޒިއަންގެ ކިބައިން ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް އެދެވުނީ އިޒިއަން އޭނާއާއި ގާތުގައި ވީތީއެވެ.

އަނާލްގެ ގިސްލުމުގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އަނާލް ކުޑަކޮށް ގަޔާ ދުރުކޮށްލެވުނެވެ. ލޯތްބާއެކު އަނާލްގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހޮދިންއިރު އެ ދެލޯ ވެސް ދިޔައީ ކަރުނައިން ފޯވަމުންނެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރިނަމަވެސް އިޒިއަންއަށް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ކޯތާފަތް މައްޗަށް ކަރުނައިގެ ތިއްކެއް ވެއްޓިއްޖެއެވެ. އެހެންނަމަވެސް އެތަނުގައި ތިބި މީހުންނަށް އެކަން އެނގުމުގެ ކުރިން ނިކަން އަވަސް ހަރަކާތަކާއެކު އޭނާ އެ ކަރުނަ ފުހެލިއެވެ.

"އިޓްސް ގޮނަ ބީ އޯކޭ" އަނާލް އެ މޭގައި ލައްކޮށްލަމުން ދަތްދޮޅި ގެންގޮސް އިސްތަށިގަނޑުގައި ޖައްސާލަމުން އިޒިއަން މަޑު މަޑުން ބުނެލިއެވެ. އިޒިއަންގެ އަޑުގައިވި އޯގާތެރިކަމުން އަނާލްގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިޒިއަން އޭނާގެ ގާތުގައި ހުއްޓާ އެ ނުބައި މީހުންނަށް އޭނާ އާއި އެންމެ އިންޗިއެއްވެސް ކައިރިއަކަށް ނާދެވޭނެޔޭ ހިތަށް އެރިއެވެ. އިޒިއަން ވަނީ އަނާލްގެ އިތުބާރު ހޯދާފައެވެ.

އެތަނުގައި ތިބި ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އެތައް ދުވަހަކަށްފަހު މީގެ ކުރިން އަނާލްގެ ފަރާތުން ފެނުނު ފަދަ އަމަލްތަކެއް ތަކުރާރު ވާން ފެށުމުން ހާއްސަކޮށް މަޒާޔާއަށް ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިވެފައެވެ. ވީ ކީއްކަން ނޭނގުނަސް އޭނާ ބޭނުންވީ ރަމްޔާއަށް ގުޅާށެވެ. އަނާލްއަށް އެންމެ ފަސޭހަކޮށް ކަންތައްތައް ހިއްސާކުރެވެނީ ރަމްޔާ އާއެވެ. އެހެންކަމުން ދޮރުން ނުކުމެލާ ރަމްޔާއަށް ގުޅާލުމަށްފަހު ވެގެން އުޅޭ ގޮތް ހިއްސާކުރިއެވެ. ރަމްޔާ ބުނީ އޭނާ އަނާލްގެ ގާތަށް ދާނެކަމުގައެވެ. މިގަޑީގައި ޕޭޝަންޓަކަށް ފަރުވާދޭން އުޅޭތީ ނިންމާލާފައި އަނާލްގެ ހާލު ބަލަން ގޮސްލާނަލޭ ބުނުމުން މަޒާޔާ ހިންހަމަޖެހުނެވެ.

އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ނަސީމް އާއި އާމިރާއަށް ބަލާލަމުން މަޒާޔާ ހިނިތުންވެލިއެވެ. އަދި އެތެރެއަށް ވަނެވެ.

"ދާއިން ކޮބާތަ؟" ދާއިން ނުފެނުމުން ނަސީމްއަށް ބުނެވުނެވެ. އޭނާ ގާތުގައި ހުރި ދާރިޔާއަށް ބަލާލަމުން ދާއިން ދެކުނިންތޯ ސުވާލުކުރިއެވެ.

"އަޅުގަނޑު ދާންއަށް ގުޅާލާނަން، ކޮންމެވެސް ތަނެއްގަ ހުންނާނެ ކަންނޭގެ" ދާރިޔާ ބުނެލިއެވެ.

"އެހެންވިއްޔާ ބައްޕަ މެން ދެން ދަނީ. ދަރިފުޅާ، ވާގޮތެއް އަންގައްޗޭ ގުޅާފަ، ހިނގާ އާމިރާ ދާން" ދާރިޔާ ބޯ ޖަހާލުމުން ނަސީމް އާމިރާއަށް ބާލާލާ ހިނގައިގަތެވެ. އާމިރާވެސް ނަސީމްގެ ފަހަތުން ހިނގައިގަތުމުން ދާރިޔާވެސް ވަނީ ރޫމް ތެރެއަށެވެ. ދާރިޔާ ވަތް އިރު ޖިދާ އާއި ރަކީން ނޫން އެހެން ހުރިހާ އެންމެން ތިއްބެވެ.

އަނާލް އަނެއްކާވެސް ރޯން ފެށުމުން ދީމް ވެސް އަނާލްއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ.

"އަޅުގަނޑަށާއި ނާލްއަށް އެކަނި ވަގުތުކޮޅެއް ދެވިދާނެތަ؟" އަނެއްކާވެސް އަނާލް އިޒިއަންގެ ގައިގައި ބައްދައިގަތުމުން އިޒިއަން އެންމެންގެ މޫނަށް ބަލާލިއެވެ. އެކަކުވެސް ދެކޮޅު ހެދުމެއްނެތި ބޯ ޖަހާލަމުން ނުކުތީ އެމީހުން އިޒިއަންއަށް ފުރިހަމައަށް އިތުބާރު ކުރަމޭ ބުނަމުންނެވެ.

"ނާލް..." އެންމެން ނުކުތުމާއެކު އިޒިއަން އަނާލްއަށް ގޮވާލިއެވެ. އަނާލް އެ އިން ގޮތަށް އިނދެ ބޯ ޖަހާލިއެވެ. އޭރުވެސް އޭނާގެ އަތުގައި މަޑު ތުރުތުރު އެޅުމެއް ވިކަން އިޒިއަންއަށް ފާހަގަ ކުރެވުނެވެ.

"އިޒް... އެ މީހާ" އަނާލް ވާހަކަދައްކަން ފެށިއެވެ.

"ޝްޝްޝްޝް..." އިޒިއަން އެކަން މަނާކުރީ އެ ކަންތައް ހަނދާން ކޮށްގެން އަނާލް މާ ބޮޑަށް ސަކަރާތް ވާނެތީއެވެ. މި ވަގުތަށް އޭނާއަށް މުހިންމީ އަނާލްގެ ރައްކާތެރިކަމެވެ. މާ ބޮޑަށް ހާސްވެ ކަންބޮޑުވުން އަނާލްއަށް ރަނގަޅެއް ނުވާނެއެވެ. ވީ ގޮތް އެނގޭ ހަމައެކަނި މީހަކީ އޭނައެވެ. އެހެންކަމުން އަނާލް ހަމަޖެއްސުމަށް އެންމެ ފަސޭހަ ވާނީވެސް އޭނާ އަށެވެ.

އިޒިއަން އަނާލްގެ ނިތުގައި ތުންފަތް ޖައްސާލިއެވެ. އަދި ކުރިއަށް ވުރެ ބާރަށް އެ އަތުގެ ތެރޭގައި އަނާލް ހައްޔަރު ކޮށްލީ މުޅި އުމުރު ދުވަހު އޭނާގެ އަތުގެ ހިމާޔަތް އަނާލްއަށް ދޭނަމޭ ބުނާފަދަކުންނެވެ. އަނާލް ގެއްލެނީއޭ ހިތާ އޭރުވެސް އެ ހިތުގައި ބިރުވެރިކަން ވިއެވެ.

ރަމްޔާ އައިސް އެތެރެއަށް ވަތްތަން ފެނި އިޒިއަންއަށް އަނާލް ދުރުކޮށްލެވުނެވެ. އަދި އަނާލްއަށް ބަލާލަމުން ބޯ ޖަހާލީ ރަމްޔާ އާއި ވާހަކަ ދައްކާށޭ ބުނާފަދައަކުންނެވެ. އޭރުން ވެސް އަނާލްއަށް ލުއި ވާނެކަން އިޒިއަންއަށް އެނގުނެވެ.

"ބޭރުގަ މަޑުކޮށްލާނަން އިނގޭ ނާލް" އަނާލްގެ ނިތަށް ބޮސްދިނުމަށްފަހު އިޒިއަން އެހެން ބުނެފައި ހިނގައިގަންނަން އުޅުނެވެ. އަނާލް އޭނާ އާ ކައިވެނި ކުރިފަހުންވެސް ދުވަހަކުވެސް ސެޝަންތައް ނަގާއިރު އޭނާ ނުހުރެއެވެ. ރަމްޔާއާއި އަނާލް އާއި އެކަނި ތިބެގެން ވާހަކަ ދައްކާއިރު އަނާލް މާ ހިންހަމަޖެހޭނެތީ އޭނާ ވެސް ނުހުންނަނީއެވެ. އެއް ފިޔަވަޅު އެޅުނުތަނާ އަނާލް އިޒިއަންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއާއެކު އިޒިއަންއަށް ސިހިފައި އަނާލްއަށް ބަލާލެވުނެވެ.

"ޑޯންޓް ވޮރީ ނާލް، ބޭރުގަ މިހުރީ... ބޭނުންވީމަ ގޮވާލާ އޭރުން ވަންނާނަން! " ރީތިކޮށް އެނބުރި އަނާލްއަށް ބަލާލަމުން އިޒިއަން ބުނެލިއެވެ. އޭނާ ލުއި ހިނިތުންވުމެއް އަނާލްއަށް ރައްދުކޮށްލިއެވެ. އަދި އަނެއްކާވެސް ހިނގައިގަންނަން އުޅުނެވެ. އެހެންނަމަވެސް އަނާލް މިފަހަރުވެސް އެ އަމަލު ތަކުރާރުކުރިއެވެ. އަނބުރާ ބަލާލުމާއެކު އަނާލް ވަހަކަ ދެއްކިއެވެ.

"ނޫން އިޒް... މިއަދު އަހަރެން ވާހަކަ ދައްކާނީ އިޒް ވެސް ބަހައްޓައިގެން، ނުދޭ!" އަނާލްގެ އަޑުގައި ވަނީ އާދޭހެވެ.

އަނާލް އިޒިއަންއަށް ބަލަން ކުޑަ އިރުކޮޅަކު އިނެވެ. އެއަށްފަހު އިސްޖަހާލިއެވެ. އޭރު އެހިތުގައިވި އެއްޗެއް ދެނެގަންނަން އިޒިއަން ނުކުޅެދުނެވެ. މީގެކުރިން ވެސް އަނާލް ވަނީ އިޒިއަންއަށް އެ ވާހަކަ ކިޔައިދޭން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު އެކަން އިޒިއަން މަނާ ކުރަނީއެވެ. އަނާލް ހީކުރީ އަނާލްއަށް ކަމެއްވެދާނެތީ މާޒީގެ ވާހަކަ ނުދައްކަން އިޒިއަން އުޅެނީހެންނެވެ. އެކަމަކު މިއަދު އިޒިއަން ޖެހޭނީ އަނާލް ދައްކާ ވާހަކަ އަޑު އަހާށެވެ. ހަޤީގަތް ކިޔައިދިނުމުން އިޒިއަން އޭނާ ދޫކޮށްލާފައި ގޮސްދޭނޭ ކަމުގެ ބިރުވެރިކަން އެ ހިތުގައި ވިޔަސް އޭނާ ޖެހޭނީ ހިތްވަރު ކުރާށެވެ.

"އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އަދި އިޒިއަން އަކަށް ވެސް ނޭނގޭނެ، މިއަދު އަޑު އަހާ އިޒް! އެއަށްފަހު އަހަރެން ދޫކޮށްލިޔަސް..."

"އަހަރެން ނާލް ދޫކޮށެއް ނުލާލަން" އިޒިއަންއަށް ވަގުތުން ބުނެވުނެވެ. އޭނާއަށް އަނާލްގެ ޖުމްލަ މެދު ކަނޑާލެވުނީވެސް ހިސާބަކަށް ބާރަށް ބުނަމުންނެވެ. އެއާއެކު އަނާލް އިސް އުފުލާ އިޒިއަންއަށް ބަލާލިއެވެ. އިޒިއަންގެ މޫނުމަތިން އޭނާއަށް ފެނުނީ ޔަޤީން ކަމެވެ. އެދެލޮލުން އެ ހަދަނީ ތެދުކަން އަންގައިދެމުން ދިޔައެވެ. އެހެންނަމަވެސް އަނާލްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ހަގީގަތް އެނގުމުން އިޒިއަންގެ އެ ވިސްނުން ބަދަލު ވެދާނެ ނޫން ހެއްޔެވެ؟.

"އަހަރެންނަށް އެނގޭ ނާލް ދައްކަން އުޅޭ ވާހަކަ! ނާލްއަށް ނޭނގުނަސް އަހަރެންނަށް އަޑުއަހަން ކެތެއް ނުވާނޭ. ނާލް! ޕްލީޒް ލެޓް މީ ގޯ." އިޒިއަންގެ ދުލާ ހަމައަށް އެންމެ ބަހެއްވެސް ނައުމާއެކު ހުރިހާ ވާހަކައެއް ވެސް އޭނާއަށް ދެއްކުނީ އަމިއްލަ ހިތުތެރޭގައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އަނާލްއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

އަނާލް ރަމްޔާ އާއި ވާހަކަ ދައްކަމުން ދިޔައިރު އިޒިއަން އިނީ އަނާލްގެ ގާތު އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެ އަނާލްގެ އަތުގައި ހިފައްޓާލައިގެންނެވެ. އަނާލް އޭނާއަށް ދިމާވި ކަންތައް ތަފްސީލްކޮށް ކިޔައިދެމުން ދިޔައިރު ރަމްޔާއަށް ވެސް އިނދެވުނީ ނޭވާ ހިފައްޓާލައިގެންނެވެ. މީގެ ކުރިން ވެސް އަނާލް އެތަކެއް ފަހަރު އެވާހަކަތައް އޭނާ އާ ހިއްސާކުރިއެވެ. އެހެންނަމަވެސް އެހާ ތަފްސީލް ގޮތެއްގައި ކޮށްފައި ނުވަނީ އޭރު އެ ވާހަކަތައް ކިޔައިދޭން ފަށާއިރު އަނާލްއަށް ވާ އުނދަގޫތަކާހެދިއެވެ. މިހާރު އުނދަގޫވިނަމަވެސް އެ އުނދަގޫތަކަށް ކެތްކުރެވޭ ވަރަށް އަނާލް ވަނީ އަމިއްލަ ނަފްސަށް އިތުބާރާ ޔަޤީންކަށް ހޯދާފައެވެ. އަނާލް އެވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ.

ކިތަންމެ އުނދަގޫވިޔަސް އަނާލް ހިތްވަރުކުރިއެވެ. އެވާހަކަތައް ކިޔައިދެމުން ދިޔައިރު މުޅި ހަށިގަނޑުގައި އަދިވެސް އޭރު އެޅި ވޭން އިޙްސާސް ކުރެވެމުން ދިޔަފަދައެވެ. ވޭނީ 'އާހް' ތަކާއި އެ ހޫނުކަރުނައިން އޭނާގެ ހިތުގެ ހާލު އެބަ ބަޔާން ކޮށްދެއެވެ. އަނާލްގެ އަތުގައި ހިފައްޓާލައިގެން އިން އިޒިއަންއަށް އިނީ އިސްޖެހިފައެވެ. އަނާލް ކިޔައިދެމުން އެ ދަނީ އެރޭ އެމީހުން ކަންތައް ކުރިގޮތެވެ. އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރުންވީ ދަތިކަމަކަށެވެ.

އަނާލް ހުރިހާ ވާހަކަ އެއް ކިޔައިދީ ނިންމާފައި އެނދުގައި ހަށިގަނޑު ދަމާލަމުން ދެލޯ މަރާލާ ފުން ނޭވާއެއް ލިޔެވެ. ނޭވާ ލާން އުނދަގޫވެގެން ދިޔައެވެ. ހިތުގެ އުދާސްތައް އެހާ ފާޅުކަން ބޮޑުގޮތެއްގައި ކިޔައދިނުމުންވެސް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އުނދަގޫ ކަމަކަށް އަނާލްއަށް ވީ އެއިން އެއްވެސް ކަމެއްގެ ވާހަކައަކީ އޭނާއަށް ދައްކަން އެހާ ފަސޭހަ ވާހަކައަކަށް ނުވީމައެވެ. ދުލުން ބުނެލިޔަކަސް އޭނާގެ ހަށިގަނޑުގައި އަޅާ ވޭން އެހެންމީހަކަށް އިޙްސާސެއް ނުކޮށްދެވޭނެއެވެ. އެ ހިތާމަތައް އެހެންމީހަކަށް ތަސައްވަރެއް ނުކުރެވޭނެއެވެ.

ލޯ ހުޅުވާލަމުން އިޒިއަންއަށް ބަލާލެވުނީ ކަރުނަވީ ދެލޮލުންނެވެ. ދެންމެ ކިޔައިދިން ވާހަކަތަކުން އިޒިއަންގެ މޫނުމައްޗަށް އަރާނޭ ކުލަވަރު ގާތުން ބަލަން އަނާލް ވަނީ ބޭނުންވެފައެވެ. އިޒިއަންގެ މޫނުމަތިން އޭނާއަށް ފެނުނީ ހިތްދަތިކަމެވެ. އަނާލް އަށްޓަކައި އެ ހިތުގައި ވި ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. ރުޅިވެރިކަމާއި ހިންހަމަ ނުޖެހުމުގެ އެއްވެސް އަސަރެއް ނެތެވެ. އެހެނެއްކަމަކު އެ މޫނުމަތިން ފެންނަނީ ހިތްވަރު ދިނުމުގެ ކުލަވަރުތަކެވެ. އަނާލްގެ އަތަށް ބާރުކޮށްލީ އޭނާ އަނާލްއަށް ހިމާޔަތް ދޭނަމޭ ބުނާ ފަދައަކުންނެވެ. ރަމްޔާ ވެސް އެތަނުގައި މަޑުކޮށްލުމަށްފަހު ހިނގައިގަތީ އަނާލް އިޒިއަންއާއެކު ވަގުތުކޮޅެއް ބޭނުންވާކަށް އެ ހިތަށް އެނގުން ވުމުންނެވެ. ދަމުން އަދިވެސް އެއްފަހަރު އޭނާ އަނާލް އަށާއި އިޒިއަންއަށް ބަލާލިއެވެ. އަނާލްއަށް އިޒިއަން ފަދަ ހެޔޮލަފާ ފިރިހެން ކުއްޖެއް ހަޔާތުގެ ބައިވެރިއަކަށް ލިބުމުން އޭނާ އުފާކުރިއެވެ.

އިޒިއަން އަނާލް އެ މޭގައި ޖައްސާލައިގެން އަނާލްގެ އިސްތަށިގަނޑުގައި ދަތްދޮޅި އަޅުވާލައިގެން އެތައް އިރަކު އިނެވެ. އޭނާގެ ދުކުގެ ކުރިއަށް ބުނާނޭ އިތުރު ބަހެއްއައީކީނޫނެވެ. ސިކުނޑީގައި އެނބުރެނީ އަނާލް ދެންމެ ދެއްކި ވާހަކަތަކެވެ. އެ ވާހަކަތައް ސިކުނޑީގައި ގުގުމަމުން ދިޔައިރު އެރޭގެ ހުރިހާ މަންޒަރެއްވެސް ސާފުކޮށް އިޒިއަންގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. ކަފުން ކޮށް ވަޅުލަން ބޭނުންވިޔަސް އެއީ ކުރެވޭނޭ ކަމެއް ނޫންކަން އިޒިއަންއަށް ވިސްނެމުން ދިޔައެވެ. ދުވަހަކުވެސް އެ ހިތި މާޒީ އޭނާގެ ފަހަތުން ދުވުން ހުއްޓާނުލާނޭކަން އޭނާއަށް އެނގުންވެގެން ދިޔައެވެ.

އަނާލްގެ ހިތާމަތައް އޭނާއަށް ލުއިކޮށްދެވޭނެހެއްޔެވެ؟ ނޫނީ އޭނާ އެ ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރެ އަނާލްއަށް އޮޅުވާލުމުން އަނާލްގެ ހިތަށް ލިބޭ އަނިޔާ ބޮޑުވާނީހެއްޔެވެ؟.

އަނާލް ވެސް އިޒިއަންގެ އުނަގަނޑުގައި އަތް ވަށާލައިގެން އެތަށް އިރަކު ހިޔާލަކަށް ގެއްލިފައި އިނެވެ. އެ ވާހަކަ ކިޔައިދެމުން ދިޔައިރު އެ ހިތަށް ވެރިވި ބިރުވެރިކަން ގާތުގައި އިޒިއަން ހުރުމުން ހިސާބަކަށް ފިލާގޮތްވިއެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. އިޒިއަންގެ ދެއަތުގެ ހިމާޔަތުގެ ތެރޭގައި އޭނައަށް ރައްކާތެރިކަން އިޙްސާސް ކުރެވުނެވެ. އިޒިއަން އޭނާ ދޫކޮށްލާފައި ނުދާނެކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

"އިޒް! ދުވަހަކުވެސް އަހަރެން ދޫ ނުކޮށްލައްޗޭ! މިހާރު އަހަރެންނަށް މި އިޙްސާސްވާ ހިމާޔަތާއި ރައްކާތެރިކަން އިޒް އަހަރެންނާއެކު ހުރިހާ ދުވަހު އިޙްސާސް ވާނެ. އަހަރެންގެ ހިތަށް ތަސައްލީ އެއް ލިބިއްޖެ. ހިތަށް ހަމަޖެހުން ލިބިއްޖެ. އަހަރެންގެ ހަޤީގަތް އެނގުމުން ތި ދެލޮލުން އަހަރެންނަށްޓަކާ އަޖައިބެއްފަދަ ހަމްދަރުދީއެއް ފެނިއްޖެ، އަހަރެން ދެކެ ވާ ލޯތްބައް ކުޑަވެސް އުނިކަމެއް ނާދޭ..... އިޒް...." އަނާލް ކުޑަކޮށް ދުރުވެލާ އިޒިއަންގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. އިޒިއަން ބޯ ޖަހާލީ އެ ދެއްކި ވާހަކަ ތަކާ އެއްބަސް ވުމުގެ ގޮތުންނެވެ.

"އެކަމަކު އިޒް! އެމީހާ، ކީއްވެތަ އެންމެންގެ ތެރެއިން އެމީހާއަށް ވާންވީ... ކީއްވެތަ އަހަރެންގެ ކުޑަބެ އިނދެގެން އުޅޭ މީހެއްގެ ކޮއްކޮއަށް ވާންވީ....." އަނާލްއަށް ފެންކަޅި ވެފައިވާ ދެލޮލަކާ އެކު ބުނެވުނެވެ. ހަޤީގަތް އެނގުމުން އެންމެންގެ ދިރިއުޅުމަށް ވެސް ބޮޑު އިންގިލާބެއް އަންނާނެކަން އޭނާއަށް އިޙްސާސް ކުރެވެން ފަށައިފިއެވެ.

"ނާލް ހިތްވަރު ކުރޭ! އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އިޒިއަން އަނާލްއަށް ހިތްވަރުދިނެވެ. އެތައް އިރަކު ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ވަގުތުތައް ހޭދަކުރިއެވެ.

*****

ރޭގަނޑުގެ ވަގުތަށް ވުމާއެކު އިޒިއަން އެންމެން ފޮނުވާލީ އޭނާ އެރޭ އަނާލް ގާތު މަޑުކުރާނަމޭ ބުނަމުންނެވެ. އެރޭ އަކްނިޒާ ފޮނުވި ކާއެއްޗެހި ކެއުމާއެކު އަނާލްއަށް ހޮޑުލެވުނެވެ. އެހެންކަމުން އަނެއްކާ ވެސް އިރުކޮޅެއް ފަހުން އަނާލްއަށް އެއްޗެއް ދޭން ޑޮކްޓަރު ބުނުމުން އިޒިއަން އަނާލް ގާތު އޭނާ އެއްޗެއް ގެނެސްދޭނަމޭ ބުނަމުން ތެދުވިއެވެ.

"ނޫން" އަނާލް އިޒިއަންގެ އަތުގައި ހިފައްޓާ ހުއްޓުވިއެވެ.

"މީހަކު ނާންނާނެތަ މިތަނަށް؟" އަނާލްއަށް ބުނެވުނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ވަނީ ދާއިންގެ ހިޔާލުތަކެވެ. އެކަނި އޮންނަން ބިރުގަތީ އެހެންވެއެވެ. ދާއިންގެ ސޫރަ ހިތަށް ވެރިވުމުން އެކަނިވެސް ބިރުވެރިކަން އޭނާ ވަށާލައެވެ. އެ ކަމެއް ހިނގިފަހުން އެކަމުގައި ބައިވެރިވި މީހަކު ފުރަތަމަ ފަހަރަށް ފެނުމުން އަނާލްގެ ނަފްސުގެ ހަމަޖެހުން އެކީ ގެއްލިއްޖެއެވެ.

"ނާލް! އިޓްސް އޯކޭ ބޭބީ... މިތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެ! އިތުރު އެއްވެސް މީހަކަށް ނާދޭވޭހާ ސެކިއުރިޓީ ވަރުގަދަ، ހިތްވަރު ކުރޭ ނާލް، އެހެންނޫނަސް ތީ އެހާ ހިތްވަރު ދެރަ ކުއްޖެއްނޫނެއްނު... " އިޒިއަން އަނާލްގެ މޫނުގައި ހިފާ ހަތަރު ކަޅި ހަމަކުރުވަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ހިތްވަރު ގަދަ އަންހެނަކަށް އަނާލް ހަދާށެވެ. އަނެއްކޮޅުން އޭނާގެ ހަޤީގަތް އަނާލްއަށް އެނގޭދުވަހު އަނާލްއަށް ވާނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ.

"އެކަމަކުވެސް" އަނާލްއަށް ބުނެވުނެވެ.

"ނާލް... އެކަމަކު ކޮންމެވެސް އެއްޗެއް ކާންވާނެއެއްނު. އައި ޕްރޮމިސް ނުވާނެ ގިނައިރެއް... ޓްރަސްޓް މީ" އިޒިއަން ބުނެލިއެވެ. އަނާލް ބޯ ޖަހާލިއެވެ.

"އަހަރެން ބޭނުން އޭނައަށް ހައްގު ސަޒާ ދޭން އިޒް... އަހަރެންނަށް އެހީވައްޗޭ" އަނާލް އާދޭހުގެ ބެލުމަކުން އިޒިއަންއަށް ބަލާލިއެވެ. އަނާލްގެ ވާހަކައިން އިޒިއަންގެ މެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. އިތުރުގޮތެއް ނެތުމާއެކު އޭނާ ބޯ ޖަހާލިއިރު އެ ހިތުގައި އާދަޔާހިލާފް ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލައިފިއެވެ. ދާއިންގެ މައްޗަށް އަނާލް ދައުވާ އުފުލައިފިނަމަ އޭނަ ނުބެދި ހުރެދާނެހެއްޔެވެ؟ ނޫނެކެވެ. އެހެންވެއްޖެނަމަ ދާއިން އޭނާގެ ނަން ވެސް އެދޭތެރެއަށް ގެންނާނެއެވެ. ވިސްނަން ނޫޅުނަސް އަނާލް އެބުނި ބަހުގެ ސަބަބުން އެތައް ހިޔާލުތަކެއް އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ.

****

އަނާލް ދޫކޮށްލަން އޮތް ދުވަހެވެ. މިވީ ދެ ދުވަހެއްގެ ތެރޭގައި އޭނާ ދާއިންގެ ވާހަކަ ބުނާނީ ކިހިނެތްކަން ވިސްނަ ވިސްނާ ވަރުބަލިވެއްޖެއެވެ. އިޒިއަންއާއި އެ ވާހަކަ ހިއްސާކުރުމުން އިޒިއަން އެދުނީ ގެއަށް ގޮސް ހަމަޖެހިގެން އެކަމާ ވިސްނާ އެންމެންނާ ހިއްސާކުރާނެކަމަށެވެ. ބިރު ނުގަތުމަށާއި އޭނާ އަނާލްއާ އެކު ހުންނާނޭ ކަމުގައި ބުނެލިއެވެ.

އަނާލް އޭނާގެ ގޮނޑިއަށް ލުމަށްފަހު އިޒިއަން ތިރީ ފްލޯއަށް ދިޔައީ އަނާލްގެ ލިޔެ ކިޔުންތަކެއް ބަލައެވެ. އަނާލް ވެސް އިށީނދެ އިނދެ އިސްތަށިތައް ރީތިކޮށްލިއެވެ. އަދި ފޯނު ނަގާ މަންމައަށް ގުޅާލިއެވެ.

*****

"އޭތް... މިއަށް ވުރެ ރަނގަޅު ފުރުސަތެއްނުލިބޭނެ... މަށަށް އެނގޭ މިއަދު އެ އާއިލާގެ އެއްވެސް މީހަކު ނާންނަކަން. އެ ތަނުގައި މަސައްކަތް ކުރާނެ މަގޭ ފްރެންޑެއް. އޭނަ އާ މަ އޮންނާނީ އެ އަންހެނާގެ ކަންތައްތައް ބަލަން ހަވާލުކޮށްފަ! އަހަރެން އޭނާ ލައްވާ ގޮތެއް ހަދާނަން. އިޒިއަން ނެރޭ ވަގުތު ކަލޭ ވަންނަންވީ. ވަދެ އަނާލްގެ މެއަށް ހަންޖަރު ހަރާލަންވީ. ވަރަށް ވިސްނާތި. މީ މިހެން ލިބޭނެ ފަހު ފުރުސަތުކަމަށް ބަލާތި. " ޒަހްވާ ތަނާހާއަށް ބަލާލަމުން ބުނެލިއެވެ. އެ ދެމީހުން ތިބީ ހޮސްޕިޓަލުގައެވެ. ޒަހްވާ އެދުނު ގޮތަށް ތަނާހާ އަނާލް އޮތް ބަޔަށް ދާން މިސްރާބުޖެހިއެވެ.

އޭނާ އެރީ ސިޑިންނެވެ. ޒަހްވާ ބުނެފައިވާ ގޮތަށް އިޒިއަން ލިފްޓާ ދިމާލަށް ދަނިކޮށް އޭނާއަށް ފެނުނެވެ. އެހެންކަމުން ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ އަނާލް އޮތް ވޯޑަށް ވަންނަން ހިނގައިގަތެވެ. އޭނާ އަންނަތަން ފެނިގެން އެތަނުގައި ހުރި ނަރުސް ކުއްޖެއް އައިސް ދޮރު ހުޅުވާލަދިނެވެ. އަދި ބޯ ޖަހާލިއެވެ. އެއީ ޒަހްވާގެ ރައްޓެހި ކުއްޖާކަށް ދެނެގަންނަން ތަނާހާއަށް އުނދަގުލެއް ނުވިއެވެ. ޒަހްވާ ވަނީ ވަރަށް ރަނގަޅަށް ކަންތައްތައް ރާވާލާފަތާއޭ ތަނާހާގެ ހިތަށް އެރިއެވެ. އޭނާ އެތެރެއަށް ވަދެ ގޮސް އަނާލް އޮތް ރޫމް ނަންބަރަށް ބަލާލިއެވެ. އަދި މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާލިއެވެ.

*****

އިޒިއަން ގޮސް މަޑުކޮށްލީ ތިރީބައިގެ ކައުންޓަރުގައެވެ. އޭނާ އައުމާއެކު އެތަނުގައި އިން ކުއްޖާ ވާހަކަ ދެއްކިއެވެ. އިޒިއަން އެދުނު ކަންތައް ކޮށްލަމުން އަނާލްގެ ބައެއް ފައިލްތައް ކައުންޓަރުން އިޒިއަންއަށް ހަވާލުކުރިއެވެ. ނިންމަންޖެހޭ ޕޭޕަރވޯކްތައް ނިންމުމަށް އިޒިއަން ކޮންމެވެސް ގަނޑެއްގައި ސޮއިކުރަން ޖެހުނެވެ.

*****

ތަޅުގައި މީހަކު ހިފާލުމާއެކު ދޮރަށް ފުރަގަސް ދީގެން ކުޑަ ދޮރު ކައިރީގައި އިން އަނާލް ފަސް އެނބުރި ބަލާލިއެވެ. އަދި އެ ފަރާތަށް އެނބުރިލިއެވެ. ދޮރު ހުޅުވާލުމަށްފަހު ވަތް ތަނާހާ ފެނި އަނާލްގެ ދެބުމަ ގޮށްޖެހުނެވެ.

"ހެލޯ އަނާލް" ތަނާހާ އެއްމިޔަކަށް ހީލަމުން އަތުން ހަނާއަޅާލިއެވެ. އޭނާގެ މޫނުމަތިން ހަމަޖެހިފައި ހުރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ތަނާހާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން އަނާލް ނުކުޅެދުނެވެ. އޭނާ ތަނާހާއަށް ރުޅިވެރިކަމާއެކު ބަލާލިއެވެ. އިޒިއަންއާ ތަނާހާގެ އެކުވެރިކަން އަނާލްއަށް ކަމަކު ނުދެއެވެ. އެހެންކަމުން އިޒިއަން ވެސް އެ ގުޅުން ވަކި ހައްދެއްގެ ތެރޭގައި ގެންގުޅުނެއްކަމަކު އެކަމުން ވެސް އަނާލްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ.

"ކީއްކުރަން ތިޔައީ. ހަމަ މިހާރު ނުކުމޭ" އަތުން ދޮރާ ދިމާލަށް އިޝާރާތް ކޮށްލަމުން އަނާލް ބުނެލިއެވެ. ތަނާހާ އުޅޭގޮތުން އޭނާގެ ބޮލަށް އުނދަގޫވެއެވެ. ޖެއްސުމަށް އޭނާ އާދި ދިމާލަށް ބުނެލާ ބަސްތަކުގެ ސަބަބުން އޭނާގެ ހިތުގައި ތަނާހާއާ މެދު ވަނީ ހުސް ނަފްރަތެވެ.

"އަހަރެން ނުކުންނާނަމޭ، އިހަށް ހަމަޖެހޭ، އަހަރެން ނުކުންނާނަމޭ، ކީއްވެތަ މާ ލޭމައްޗަށް ތިދަނީ. އަހަރެން މިއައީ އަނާލްއަށް ހެޔޮއެދިގެން" ތަނާހާ އަނާލްއާ ދިމާލަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

"އަހަރެންނަށް ހެޔޮ އެދޭނަމަ މީގެ ކުރިން ހެޔޮ އެދުނީހެއްނު. ސްކޫލުގަ އުޅުނު އިރު ގްރޫޕް އެއްކޮށްގެން އަހަރެންނަށް ޖެއްސުމެއް ނުކުރީހެއްނު. އެހެންނޫނަސް ތަނާހާ އަހަރެންނާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ" ތަނާހާއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަނާލް ބުނެލިއެވެ.

"ހަމަ އޮވެދާނެއެއްނު، ޑޯންޓް ޔޫ ތިންކް؟ " ފަހަރަކަށް ވުރެ ފަހަރެއް އަނާލްއާ ގާތަށް ފިޔަވަޅު އަޅަމުން ތަނާހާ ދިޔައެވެ. އޭނާ އައިސް އަނާލްއާ ދާދި ގާތުގައި މަޑުކޮށްލިއެވެ.

"ބުނެފީމެއްނު ނުކުންނާށޭ...." އަނާލް ހަޅޭއްލަވައިގަތެވެ.

"އަހަރެން މިއައީ ކީކުރަން ކަން ވެސް ނުބަލާ ފޮނުވާލަނީތަ؟ " ތަނާހާ ބުނެލިއެވެ.

ހެވޭ، ދޭ ހަމަ މިހާރު. ކަލޭ އަކީ އެންމެ ކުރިން ސުރެވެސް އަހަރެންގެ ދުޝްމަނެއް. ކަލޭ ނާންނާނެ އަހަރެންނަށް ހެޔޮ އެދިގެނެއް. އެވަރަރު އަހަރެންނަށް ވެސް އެނގޭ" އަނާލް ވެސް ގޮތް ދޫ ކުރާކަށް ބޭނުމެއްނުވިއެވެ.

އަޅޭ، އަހަރެން މިހާ ހެޔޮ އެދިގެން އައިމަވެސް އެހާ އަހަވަހަށް އަހަރެން ފޮނުވާލަން ތިއުޅެނީ.... އެކަމަކު މިއަދު އަހަރެން މިތަނުން ގޮސްފިއްޔާ ކަލެއަށް ތިހާލު ޖެހުނީ ހަޤީގަތުގައި ކާކުގެ ސަބަބުން ކަމެއް ނޭނގޭނެ، ކަލެއަށް ނޭނގުނަސް މަށަށް އެނގޭ ކަލޭއަށް ތިހާލު ޖެއްސީ ކާކުކަން... ބައެއް ފަހަރު ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަޤީގަތެއް ނޫން. ތިމާ އާއި އެންމެ ގާތުގައި އުޅޭ މީހަކީ ވެސް އެހާ މާތް މީހަކަށް ނުވެދާނެ! އެހެންކަމުން ވިސްނާލާތި! " އަނާލްއާ ދިމާލަށް ބަލާލާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު ތަނާހާ އެނބުރިލިއެވެ. އޭރު އެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރި ކުލަވަރުތަކެވެ. އަނާލް ކަންތައް ކުރާނެ ގޮތް އޭނާއަށް އެނގޭ ފަދައެވެ.

"މަޑުކޮށްބަލަ!" އަނާލް ގޮވާލިއެވެ. ތަނާހާ ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އެނބުރިލިއެވެ.

"ކިހިނެތްވީ އަހަރެން ހުއްޓުވީ؟" ތަނާހާ އަހާލިއެވެ.

"ކީކޭ ކިޔަން ތިއުޅެނީ؟ އަހަރެންނަށް މިހާލު ޖެއްސީ ކޮންބަޔެކޭ؟ އަހަރެންނަށް އެނގޭ އެ ބަޔަކު، އެ މީހުންނަށް އަދަބު ވެސް ލިބިއްޖެ" އަނާލްގެ މޫނުމަތިން ހިސާބެއްގެ ހާސް ކަމެއް ފެނިލިއެވެ. އާދައިގެ މަތިން އެ ވާހަކަ ދެއްކުމުން އޭނާ ބަލިކަށިވީއެވެ.

"ހަހަ. އަޑު އަހާ" ތަނާހާ އައިސް އަނާލްގެ ވަށައިގެން ދެ ބުރަކު ހިގާލިއެވެ.

"އަހަރެން މިއައީ ވަރަށް ބައިވަރު ވާހަކަ އަނާލް ގާތު ދައްކާށޭ... އާ.. އެންމެ ފުރަތަމަ އިޒިއަންގެ ވާހަކައެއް ބުނަން ބޭނުމީ... އަނާލްއަށް އެނގޭތަ އިޒިއަންގެ ހަޤީގަތް؟" ތަނާހާ އޭނާގެ ފުރަތަމަ ހަމަލާ އަނާލްއަށް އަމާޒުކޮށްލިއެވެ. ތަނާހާ ވާހަކަ ބައްޓަން ކުރަމުން ދިޔަ ގޮތުން އަނާލް ރުޅިއައެވެ.

"ކަލޭ ކީކޭތަ ކިޔަން ތިއުޅެނީ؟ ނުބުނެވެންޏާ ހަމަ މިހާރު ނުކުމޭ، އަހަރެންނާ އިޒިއަންއާ ދޭތެރެއަށް ވަންނަން ދޯ ތިއުޅެނީ. އޭރުވެސް އަހަރެންނަށް ހީވިއޭ ކަލޭގެ މަޤްސަދު ރަނގަޅު ނުވާނެކަން. މާ ކަންތައް ބޮޑު ނުކޮށް ބުނަން ވީ؟" އަނާލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ.

"އަނާލްއަށް އެނގޭ ދޯ އިޒިއަން އަކީ ކުރިން ޑްރަގް އެޑިކްޓެއްކަން... އޭނަ އެއީ މަސްތުގެ ދުނިޔޭގައި ޢާފިލް ވެފައިހުރި ޒުވާނެއްކަން، އަނާލްއަށް އެ ހާދިސާ ދިމާވި ރޭ އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ އެހެންފަރާތެއް އެބަވޭ. އަދި އަދަށް ދާންވެސް ވެސް އެމީހާ ވަނީ ފިލާފަ"

"އިޒިއަންއާ އެފަރާތާ ހުރި ގުޅުމަކީ ކޮބާ؟ ތި ދައްކާ އެއްވެސް ވާހަކައެއް ގުޅުމެއް ނެތެއްނު. ސާފުކޮށް ކިޔައިދޭންވީނު،" އަނާލްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގައިގަތް ކަމުގައި ވިނަމަވެސް އޭނާ އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ.

"އެރޭ އެކަކު އަނާލް އަކަށް ނުފެނެއެއްނު، ކަނުގައި ބިތް ޖެހިފައި އިން ޒުވާނާ އަނާލް އަކަށް ނުފެނެއެއްނު. އަނާލްއަށް ފެނުނީ ދެން ތިބި މީހުން ދޯ.. އެނގޭތަ އެ ކާކުކަން؟" ތަނާހާ އޭނާގެ ހަތިޔާރު އަނާލްއަށް އަމާޒު ކޮށްލަން ތައްޔާރުވިއެވެ.

"އެ މީހަކީ އަނާލް އެންމެ ލޯބިވާ އެކަކު" ތަނާހާ ތީރު އަނާލްގެ މެއާ އަމާޒުކޮށްލިއެވެ. އަނާލްއަށް އައި ބަދަލުން އޭނާ ހިންހަމަޖެހުނެވެ.

"ހަހަ" ތަނާހާގެ ހިނިގަނޑުން އަނާލްގެ ދެ ބުމަ ގާތްވެގެން ދިޔަނަމަވެސް މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ދެނެގަންނަން އުނދަގުލެވެ.

"ކާކު؟" ތުރުތުރު އަޅަމުންދިޔަ އަޑަކުން އަނާލްއަށް އެހެން އަހާލެވުނު އިރު އޭނާގެ ލޯ ވެސް ފެންކަޅި ވެފައިވެއެވެ. ތަނާހާ ބުނަން އެ އުޅޭ އެއްޗެއްގެ ކުޑަ ހިލަމެއް އަނާލްއަށް ވެއްޖެއެވެ. ހިތާ ހިތާ ދުޢާ ކުރެވުނީ އެ ހިތުގައި އޮތް ވަހުމްއަށް ނުވުމަށެވެ.

"އިޒިއަން" ވަށައިގެން ހިނގަ ހިނގާ ހުރި ތަނާހާ ކުއްލިއަކަށް ހުއްޓެމުން އަނާލްގެ ކަންފަތާ ދިމާލަށް ގުދުވަމުން ބުނެލިއެވެ. އެއާއެކު ލިބުނު ސިހުމާއެކު އަނާލްގެ ހުރިހާ ހިއްސުތަކުގެ މަސައްކަތް ހުއްޓުނުފަދައެވެ.

(ނުނިމޭ...)

https://www.sun.mv/116820

comment ކޮމެންޓް