ޗައިނާގެ ކެމިކަލް ފެކްޓަރީއެއް ގޮވައި، 47 މީހުން މަރުވެއްޖެ

ޗައިނާގެ ފެކްޓަރީއެއްގައި އިއްޔެ އެއްޗެއް ގޮވުމުގެ ސަބަބުން ފެކްޓަރީ ކައިރީ ހުރި އިމާރާތްތަކުގައިވެސް ރޯވި -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (މާޗް 22): ޗައިނާގެ ކެމިކަލް ފެކްޓަރީއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، 47 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ޔަންޗެންގުގައި ހުންނަ ގަސް ކާނާ އުފައްދާ ފެކްޓަރީއެއްގައި އެ ހާދިސާ ހިނގި ވަގުތު، 2.2 މެގްނިޓިއުޑުގެ ބިންހެލުމެއް އައި ކަމަށް ޗައިނާގެ އާތު ކުއޭކް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

ޒިންހުއާގައިވާ ގޮތުން ފެކްޓަރީ ގޮވުމުގެ ސަބަބުން ކައިރީ ހުރި އިމާރާތްތަކުގައިވެސް ރޯވެ، ބައެއް އިމާރާތްތަކުގެ ދަށުގައި މީހުން ވަނީ ތާށިވެފައެވެ. އެހާދިސާގައި 640 މީހުންނަށް އަނިޔާވެފައިވާ އިރު، 90 މީހުންގެ ހާލު ސީރިއަސްއެވެ.

އިއްޔެ މެންދުރު ފެކްޓަރީގައި ރޯވި އަލިފާންގަނޑު ނިއްވާލެއްވުނީ މިއަދު ހެނދުނު -- ފޮޓޯ: ގެޓީ

އެ ހާދިސާއާ ގުޅިގެން އިތުރު އެއްޗެއް ގޮވައި، ނުރައްކާތެރި ކެމިކަލެއް ލީކު ވެދާނެތީ، އެސަރަހައްދުގައި ދިރިއުޅޭ 1،000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.

އިއްޔެ މެންދުރު ފެކްޓަރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނުކަމަށް ޒިންހުއާގައިވެއެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެއެވެ. ނަމަވެސް އެ ފެކްޓަރީ ހިންގާ ޓިއަންޖިއަޔީ ކެމިކަލްއިން މަސައްކަތު މީހުން ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، އެކުންފުންޏާ ދެކޮޅަށް ސަރުކާރުން ވަނީ ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައެވެ.

ޗައިނާގެ އިގުތިސާދު ބާރު ސްޕީޑުގައި ކުރިއަރަމުންދާ އިރު އެ ގައުމުގެ ފެކްޓަރީތަކާއި މައިންތަކުގައި ސަލާމަތީ މިންގަނޑުތަކަށް ނުބެލުމުގެ ސަބަބުން، ގިނަ އަދަދެއްގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންދާތީ ގައުމުގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފަހުގެ ތާރީހުގައި އެގައުމުގައި ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ ހިނގީ 2015 ވަނަ އަހަރު ކެމިކަލް ވެޔާހައުސްއެއްގައިއެވެ. ޓިއަންޖިންގައި ހުރި އެވެޔާހައުސްގައި އެއްޗެއް ގޮވުމުގެ ސަބަބުން 165 މީހުން މަރުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް