ރައީސް ޔާމީނާއެކު ވަޑައިގެން ޖޭޕީއަށް އެއްވެސް ގޮނޑިއެއް ނުލިބޭނެ: ރައީސް ނަޝީދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަަވަނީ -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބޭނެ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ވަޑައިގެން ޖުމްހޫރީ ޕާޓީއަށް އެއްވެސް ގޮނޑިއެށް ނުނެގޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކުގައި އިއްތިހާދުވެވަޑައިގެން، ދެން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އެ ދެ ޕާޓީގެ ފަރާތުން ހޮއްވަވަން މަސައްކަތް ކުރައްވަން ވަޑައިގަންނަވާ. އަޅުގަނޑުމެންނަށް އިނގޭ ނުހޮވޭނެކަން. އެކަމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އެއްވެސް ހާލެއްގައި ޝައްކެއް ނުއުފެދޭ،" ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމާ އެކުގައި އިއްތިހާދުވެގެން ރަނގަޅު ހަ ގޮނޑި 87 ގޮނޑީގެ ތެރެއިން ނުނެގޭނެ. ރަނގަޅު ހަ ގޮނޑި ނުނެގޭނެ،"

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ގާސިމް އިބްރާހިމް ކޯލިޝަން ހެއްދެވިޔަސް އެމްޑީޕީއަށް މައްސަލައެއް ނެތް ކަމަށާއި "އެބޭފުޅުންނާއި އެބޭފުޅުން އެއުޅެނީ ޖެހެން" ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް އެބޭފުޅުން ނަގޫ ގޮށްޖެހޭނީ. އެބޭފުޅުންނާއި އެ ބޭފުޅުން އެ އުޅެނީ ޖެހެން. އެ ގޮށް ޖެހިގެން ވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ އެއްވެސް އެއްވެސް މައްސަލައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ އެއްބަސްވުން އެންމެ އަކުރަކުން ވެސް ޚިލާފުވެވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ޕާޓީތަކުގެ ބޭފުޅުން އެގޮތުގައި ތިއްބަވާނެ ކަމަށެވެ. އަދި އެހެން މަގާމްތަކުގައި ތިއްބެވި ޕާޓީތަކުގެ ބޭފުޅުން ތިއްބެވުމަކީ އެއްބަސްވެފައިވާ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެއްބަސްވުމަކަށް ދެވެން ނެތް ކަމަށާއި އެ މަޖިލީހަކީ އެ މައްޗަށް ރައްޔިތުން ވަކިވަކިން ވޯޓުދޭ ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުނެންނަށް ނެތް ހުޅުމާލޭ ރައްޔިތުން ކައިރީ ބުނެވޭކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓަކު މިތަނަށް ނުލާނެއޭ އެހެންވީމާ މިރަށު ރައްޔިތުން ހުޅުމާލޭ ރައްޔިތުން ވޯޓުދޭށޭ އެމްޑީޕީގެ ކެންޑިޑޭޓް ނޫން އެހެން ބަޔަކަށް. އަޅުގަނޑުމެންނަށް މަޖުބޫރު ކުރެވޭކަށް ނެތް ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންނަށް ވޯޓު ދިނުމަށް ހުރަސް އެޅޭކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް