ޒިޔާދާގެ ފިރިމީހާގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތެއް ނުވި

އަނބިމީހާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި އިބްރާހިމް ޝާހު: އޭނާގެ މައްޗަށް އެ ކުށް ސާބުތު ނުވުމުން ވަނީ ދޫކޮށްލާފައި --- ފޮޓޯ: ފޭސްބުކް

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 28 ގައި މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

ޒިޔާދާގެ މަރާއި ގުޅިގެން ޝާހު ހައްޔަރު ކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުން އާންމުކޮށް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެހެން ކަމުން އެ މައްސަލަތަކުގެ ތަފްސީލެއް ނުލިބެ އެވެ.

ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު މީގެ ކުރިން ކޯޓުން ނެރެނީ: އޭނާގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި --- ސަން ފައިލް ފޮޓޯ: އަހުމަދު އާޒިފް

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ މިއަދު ހުކުމް ކޮށްފައިވަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު އޭރު ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު، ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.

ޝަތީހު ވިދާޅުވީ އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްހީ ހާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހާލަތު ގޯސްވެގެން ޒިޔާދާ އޭނާގެ ބައްޕަގެ އާއިލާގެ އެހީތެރިކަމާ އެކު މާލެ އައިސް އެންމެ ފުރަތަމަ ދެއްކީ ޑރ. ޔަގާނެގީ ކްލިނިކަށް ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި ޒިޔާދާ ދެއްކި ވާހަކަތަކަށާއި އޭނާގެ ސިއްހީ ހާލަތު ހުރިގޮތަށް ބެލުމަށް ފަހު ޑޮކްޓަރު ޔަގާނެގީ އައިޖީއެމްއެޗަށް އޭނާ ގެންދިޔަ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

ޒިޔާދާގެ ޕޯސްޓު މޯޓަމް ރިޕޯޓުގައިވާ ގޮތުން އޭނާގެ އުޅަނބޮށީގެ 10 ސެންޓު މީޓަރު މަތިން ކަނާތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ވާތުގެ ކުޑަހުޅުން ތިން ސެންޓުމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

comment ކޮމެންޓް