ޕްލާސްޓިކް ބޭނުންކުރުން މަދުކުރުުމުގެ ޕްލޭންތައް ދަނީ ހަދަމުން: މިނިސްޓަރު

ސިންގަލް ޔޫސް ޕްލޭސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ފެށި ގައުމީ ކެމްޕޭން ހަރަކާތުގައި ފޮތި ކޮތަޅު ދ. ރިނބުދޫ ކައުންސިލަރާ ހަވާލުކުރަނީ--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ޕްލާސްޓިކް މަދުކުރަން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސިންގަލް ޔޫސް ޕްލޭސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ފެށި ގައުމީ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕްލާސްޓިކް ނޫން ގޮތެއް ހޯދުމަށްޓަކައި ޕްލާސްޓިކް މަދުކުރުމަށް ޕްލޭންތައް ހަދަމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޕްލޭންތައް ތަންފީޒުވެގެން ދާއިރު މިދެންނެވި ޕްލާސްޓިކް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ. މިހެން ދެންނެވިޔަސް ޕްލާސްޓިކުން އުފައްދައިފައި ހުންނަ ބައެއް އެއްޗެހި ބޭނުންކުރެވިދާނެ. ނަމަވެސް އަޅުގަނޑުމެން މި ބަލަނީ ފެން ބުއިމަށާއި ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރުމުގައި އިންސާނުންނަށް ސީދާ އަސަރުކުރާ ކަންކަމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ހުއްޓާލަން." މިނިސްޓަރު ވިދާޅުވިއެވެ.

ސިންގަލް ޔޫސް ޕްލޭސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ފެށި ގައުމީ ކެމްޕޭން ހަރަކާތުގައި ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކްތަަކަކީ އަޅުގަނޑުމެންގެ ފަރުތަކަށް އެޅޭ ކުނިތަކަށް ވާތީ އެ ފަރުތައް ސަލާމަތްކުރުމަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅު ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ވަނީ 5،600 ރީޔޫސެބަލް (އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ) ފޮތިކޮތަޅުތަކެއް ހަދިޔާ ކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭގެ ތެރެއިން 1،700 ކޮތަޅު ވަނީ ފ. ނިލަންދޫ، ގއ. ގެމަނަފުށި، ވ. ފުލިދޫ އަދި ދ. ރިނބުދޫ ކައުންސިލްތަކުގެ ބައެއް މަމްބަރުންނާ ވަނީ ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ކޮތަޅުތައް، އެހެން ރަށްރަށަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް