ވިސާގެ ލުއިތަކާ ބެހޭގޮތުން ތައިލޭންޑާއިއެކު މަޝްވަރާކޮށްފި

މިނިސްޓަރު ޝާހިދު ތައިލޭންޑްގެ ވަފުދާއި ބައްދަލުކޮށް މަޝްވަރާ ކުރައްވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ

ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް ފަސޭހައިން ވިސާ ލިބުމާއި ދަތުރުކުރުމުގެ ފަސޭހަތަކާ ގުޅޭގޮތުން ތައިލެންޑުގެ ސަރުކާރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މިހާރު އާޖެންޓީނާގައި ކުރިއަށް ގެންދަމުންދާ ސައުތް-ސައުތް ކޯޕަރޭޝަން ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައްދަލުވުމުގެ ހަވާސާގައި ޝާހިދު ވަނީ ތައިލެންޑުގެ ވަފުދާ ބައްދަލުކޮށްފައެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައިލެންޑުގެ ވަފުދާއެކު ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތެއް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ތައިލެންޑަކީ ވިޔަފާރިއާއި ޗުއްޓީއަށް ދިއުމަށް ދިވެހީންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އަދި ރާއްޖޭގައި ތައިލެންޑުގެ ގިނަ އިންވެސްޓްމެންޓުތަކެއް ހުރެއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މިއުވާން މުހައްމަދު "ސަން"އަށް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ 50 އަށް ވުރެ ގިނަ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި މިއިން ކޮންމެ ބައްދަލުވުމެއްގައިވެސް ދިވެހީންނަށް އެ ގައުމަކަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ދާދި ފަހުން ރާއްޖެއާ އިންޑިއާއާ ދެމެދު ދަތުރުފަތުރުގެ ލުއިފަސޭހަތަކެއް ވަނީ ދިވެހީންނަށް ފަހިވެފައެވެ. އެގޮތުން ބޭހަށް އިންޑިއާއަށް ދާ މީހުންނަށް ވިސާއާ ނުލައި 90 ދުވަހަށް އެގައުމުގައި ހުރެވޭނެ ގޮތްތައް ފަދަ ފަސޭހަތައް ލިބޭގޮތަށް ދެގައުމުގެ ދެމެދުގައި ހެދި އެގްރިމެންޓު މި މަހު ތަންފީޒުކުރަން ވަނީ ފަށާފައެވެ.

ފޮރިން މިނިސްޓަރު އާޖެންޓީނާއަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި މިނިސްޓަރު ވަނީ އެސްޓޯނިއާގެ ރައީސާ ކާސްޓީ ކަލްޔުލައިޑްއާއި ދެކުނު އެފްރިކާގެ ވަފުދަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް