ޓީސީ ދޫކޮށް ފޭދު އިއްބެ މާޒިޔާއަށް ސޮއިކޮށްފި

ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ޓީސީ ސްޕޯޓްސް ކުލަބާއި ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

ފޭދޫ އިއްބެއަކީ ވޭތުވެ ދިޔަ އަހަރުގެ ދިވެހި ލީގު ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރި ޓީމުގައި ހިމެނު ކުޅުންތެރިންގެ ތެރެއިން މާޒިޔާއާ ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ. ވޭތުވެ ދިޔަ ހަތަރު ވަރަކަށް ސީޒަނުގައި ޓީސީގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ކަމަށްވާ ވާ އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ވަނީ ޓީސީ ސްޕޯޓް ކުލަބު ދޫކޮށް މާޒިޔާއަށް ސޮއި ކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ސ. ފޭދޫއަށް ނިސްބަތްވާ އިއްބެގެ ކުޅުން ރާއްޖޭގެ ކުލަބުތަކާއި ކޯޗުންގެ ސަމާލުކަމަށް އައީ 2015 ވަނަ އަހަރު ބޭއްވުނު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާއެކުއެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިއްބެ ޓީސީ ސްޕޯޓްސްއަށް ގުޅުނީ 2017 ވަނަ އަހަރުއެވެ.

ލީގު ފެށުމުގެ ކުރިން އެ އަހަރުގެ ސީޒަން ޓީސީއިން ފެށީ ބަންގާޅުގައި އޮތް ޝެއިޙް ކަމާލް އިންޓަނޭޝަނަލް ކަޕުންނެވެ. އެ މުބާރާތުގައި އިއްބެ ވަނީ އޭނަގެ ޑެބިއުޓް ކުޅުން ޓީސީއާ އެކު ފަށައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އެ މުބާރާތް ޓީސީ ކާމިޔާބު ކުރި އިރު މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ވޭތުވެ ދިޔަ އަހަރުގެ ދިވެހި ލީގު ކާމިޔާބު ކުރި އިރު މޮޅު ކުޅުމެއް ދައްކާ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައިވާ އިއްބެ ވަނީ 10 އަހަރަށް ފަހު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގެ ފައިނަލުގައި ހިތްގައިމު ގޯލެއްވެސް ޖަހައިދީފައެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލިވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލުކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއިކޮށް ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރަމުންނެވެ.

އެގޮތުން ޓީސީއާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)އާއި ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އަބްދުﷲ ހަނީފް (ބެންޖޯ) ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

އަދި ވޭތުވެ ދިޔަ ސީޒަނުގައި ވެސް އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައިވާ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި ޓީމުގެ ފަހަތް ބަލަހައްޓަމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ މުޖުތާޒް މުހައްމަދު (މުޖޭ)އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި އަމްދާން އަލީ (އެންޑީ)ވެސް ވަނީ އެ ޓީމުގައި މަޑު ކުރަން ނިންމާފައެވެ. އަދި އޭގެ އިތުރުން އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) އަދި ހަސަން ޝިފާޒް (ޑުންގާ)ވެސް ވަނީ މާޒިޔާއެކު ކޮންޓްރެކްޓް އިތުރުކޮށްފައެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެއެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފައެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ ދާދި ފަހުން ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސް ވެފައެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލުވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެއެވެ.

comment ކޮމެންޓް