ރައުޝަންގެ މަރާ ގުޅިގެން ދައުވާ ކުރި ތިން މީހަކު ދައުވާ އަށް އިއުތިރާފުވެއްޖެ

ރައުޝަންގެ ބޮލަށް ވެއްޓުނު ސިމެންތި ބަސްތާ: އެ ބަސްތާ ކައިރީގައި ރައުޝަންގެ އައިނު ވެއްޓިފައި-- ފޮޓޯ: ކިޔުންތެރިއެއް

މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަންއިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، މަރުވި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ތިން މީހަކު ދައުވާއަށް އިއުތިރާފުވެއްޖެއެވެ.

ރައުޝަންގެ މަރުގެ މައްސަލައިގައި ދައުވާ ކުރީ އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ.

އެ ހަ މީހުންނަށް ވަކީލުން ހަމަޖައްސަން ދިން 10 ދުވަހުގެ ފުރުސަތުގައި ވަކީލަކު ހަމަނުޖެހުމުން މިއަދު އެމީހުން ކޯޓަށް ހާޒިރުވީ ވަކީލުންނާ ނުލައެވެ. ނަމަވެސް، ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ދައުވާއަށް އިންކާރު ކުރި ތިން މީހުނަށް އަދިވެސް އެބަ އޮތެވެ. އެ މައްސަލައިގައި ހިމެނޭ ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދޭން ޑަބްލިއު ކޮންސްޓްރަކްޝަން އިން ވަނީ ނިންމައިފަ އެވެ.

އިއުތިރާފުވި ތިން މީހުން

ރައުޝަން މަރުވި މައްސަލައިގައި މިއަދު ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވައިފައެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސެއިންއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ކުރާ ހަ މީހުންނަށް ދައުލަތުގެ ވަކީލާ ފާތިމަތު ނަބާހާ ވަނީ ދައުވާ އިއްވައިފައެވެ. އަދި ގާޒީ ވަނީ އެމީހުންނަށް ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވައިފައެވެ. އެ ފުރުސަތުގައި ދައުވާއަށް އިއުތިރާފުވީ އިންޑިއާއަށް ނިސްބަތްވާ ރައްޖާވް އަލީއާއި، މުތަމަނި ރަމަޗަންދުރަންއާއި ކެޝަހިލަލް ޗައުހާންއެވެ.

ރައްޖާވް އަލީގެ މައްޗަށް ކުރީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އޭނާއަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. ސަވާޖީ އޮޕަރޭޓު ކުރުމަކީ އޭނާ ކުރަން ޖެހޭވެސް ކަމެއް ނޫން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި އޭނާ ސަވާޖީ އޮޕަރޭޓު ކުރީ ސަވާޖީ އޮޕަރޭޓު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ހުރި މީހާ 30 މިނެޓުގެ ބްރޭކެއް ނަގައިގެން ހުއްޓާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ތަރުޖަމާނެއްގެ އެހީއާއެކު ރައްޖާވް އަލީ ބުނީ، ރައުޝަންގެ ގަޔަށް ބަސްތާ ވެއްޓުނު ދުވަހު ކަން ހިނގީ ދައުވާގައި ބުނާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ. ދައުލަތުގެ ވަކީލާ ފާހަގަކުރެއްވީ ދައުވާ ސާބިތުވުމަށް އޭނާ އެކަން ކުރީ ގަސްދުގައިތޯ ބެލުން މުހިންމު ނޫން ކަމަށެވެ. އެހެންކަމުން އެއީ އިއުތިރާފެެއްގެ ގޮތުގައި ބެލުމަށް ދައުލަތުގެ ވަކީލާ އެދިވަޑައިގެންނެވިއެވެ. ގާޒީ ނިންމެވީ ރައްޖާވްއަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެވިފައިވާ ކަމަށެެވެ.

ރަޖަވް ދައުވާއަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް އަންނާނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އޭނާ ދައުވާއަށް އިންކާރުކޮށް ޝަރީއަތުން އޭނާގެ މައްޗަށް ދައުވާ ސާބިތުވިނަމަ އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުތަމަނި ރަމަޗަންދުރަންގެ މައްޗަށް ކުރީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާއަކީ ބަސްތާ ނަލަހިޔާމަންޒުލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ.

ތަމަޅަ ބަހުން ވާހަކަ ދައްކާ ރަމަޗަންދުރަންއަށް ތަރުޖަަމާނު ދައުވާ ކިޔައިދެއްވައި، ދައުވާއަށް އިންކާރުކޮށްފިނަމަ އޭނާއަށް ލިބޭނެ އަދަބު ކުޑަވާނެކަން ފާހަގަ ކުރުމުން ރަމަޗަންދުރަން ވަނީ ވަގުތުން ދައުވާއަށް އިއުތިރާފުވެފައެވެ.

ރަމަޗަންދުރަން ދައުވާއަށް އެއްބަސްވުމުން އޭނާގެ މައްޗަށް އަންނާނީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ޝަރީއަތްކޮށްގެން އޭނާގެ މައްޗަށް ދައުވާ ސާބިތުވި ނަމަ އޭނާއަށް އަންނާނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކެޝަހިލަލް ޗައުހާންގެ މައްޗަށް ކުރީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިޔުމަށް ރައުޝަންއަށާއި އޭނާގެ މަންމައަށް އިންޒާރުދީފައި ނުވުމުންނެވެ.

ޗައުހާން މިއަދު ބުނީ ރައުޝަން މަރުވި ދުވަހު ކަން ހިނގައި ދިޔައީ ދައުވާގައި ބުނާ ގޮތަށް ކަމަށެވެ. އަދި އޭނާވެސް ވަނީ ދައުވާއަށް އިއުތިރާފުވެ، ލުއި އަދަބު އިހްތިޔާރުކޮށްފައެވެ.

އޭނާ ދައުވާއަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. ޝަަރީއަތްކޮށްގެން އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވި ނަމަ އޭނާގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރީހެވެ.

އެ ތިން މީހުންވެސްވީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި އެ މައްސަލައިގައި އަވަސް ނިޔާ ކަނޑައެޅުމަށް އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާއަށް އިއުތިރާފުވެއްޖެ ނަމަ ފަސް ދުވަހުގެ ތެރޭގައި އަވަސް ނިޔާގެ އަޑުއެހުން ބާއްވަން ޖެހޭނެއެވެ.

ދައުވާއަށް އިންކާރު ކުރި މީހުން

ރައުޝަން މަރުވި މައްސަލައިގައި ދެން ދައުވާ ކުރީ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ގުލާމް މުހައްމަދު އަށެވެ. އޭނާގެ މައްޗަށްވެސް ކުރީ ކެޝަހިލަލް ޗައުހާންގެ މައްޗަށްވެސް ކުރި ދައުވާއެވެ. އޭނާގެ މައްޗަށްވެސް ދައުވާ ކުރީ ޗައުހާންގެ މައްޗަށް ދައުވާ ކުރި ސަބަބާ ގުޅިގެންނެވެ. ނަމަވެސް، ގުލާމް މުހައްމަދު ވަނީ ރައުޝަން މަރުވުމުގައި އޭނާގެ ކުށެއް ނެތް ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.

ރައުޝަންގެ މަރުގެ މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގާއި އެ ކުންފުނީގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަންގެ މައްޗަށް ކޮށްފައި ވަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކުރީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ތުހުމަތުގައެވެ.

އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިއަދު އެ ދެ މީހުން ދައުވާއަށް އިއުތިރާފުވި ނަމަ އެ މީހުންނަށް އަންނާނީ 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ވަކީލުންނާ ނުލައި އަޑުއެހުމަށް ހާޒިރު ތިބި އެ ދެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ވަކީލުން ހަމަޖެއްސުމަށް އަދި ދުވަސް ނަގާނެ ކަމަށް އެ ދެމީހުން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ހެކިތަކެއް

ދައުވާއަށް އިންކާރު ކުރި ތިން މީހުންނަށް މިއަދު ވަނީ އެ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް އިއްވައިފައެވެ.

އެގޮތުން، ގުލާމް މުހައްމަދާ ދެކޮޅަށް ޖުމްލަ 24 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅައިފައެވެ. އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި ރައުޝަންގެ މަންމަ ފަރުޒާނާ ހުސެއިން އާއި ރައުޝަންގެ ބައްޕަވެސް ހިމެނެއެވެ.

މޫސައާއި ޝަފީގާ ދެކޮޅަށް ދައުލަތުން 31 ހެއްކެއް ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ސައިޓުގެ އެނަލިސިސް ރިޕޯޓާއި، ރައުޝަންގެ ހަށިގަނޑަށް ލިބުނު ގެއްލުންތައް ހާމަކުރާ މެޑިކަލް ރިޕޯޓުތަކާއި ކަމާ ބެހޭ ގިނަ މާހިރުން ހިމެނެއެވެ.

ރައުޝަން މަރުވި މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވި، ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. ރައުޝަންގެ އާއިލާއިން އެދިފައި ވަނީ ރައުޝަންއަށް އިންސާފު ހޯދައިދިނުމަށެވެ.

comment ކޮމެންޓް