އިނގިރޭސިން އީޔޫއިން ވަކިވާ ތާރީހު ފަސް ކުރަން ބޮޑުވަޒީރު އެދެފި

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (މާޗް 21): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވާ ތާރީހު، މިމަހުގެ 29 އިން ޖޫން 30 އަށް ފަސް ކުރަން ބޮޑުވަޒީރު ތެރީސާ މޭ އެދިވަޑައިގެންފި އެވެ.

އީޔޫ ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްއަށް ފޮނުއްވި ސިޓީއެއްގައި މޭ އެފަދައިން އެދިވަޑައިގަތީ، އީޔޫއިން ވަކިވުމަށް އެކަމަނާ އެކުލަވާލެއްވި ދެ އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ދެކޮޅު ހެދުމުންނެވެ. އަދި އޭގެ ސަބަބުން އީޔޫއާ އެކު އެއްބަސްވުމެއް ނެހެދެނީސް، އެއިއްތިހާދުން ވަކިވާން ޖެހިދާނެތީ އެވެ.

އިއްޔެ އިނގިރޭސި ޕާލިމެންޓުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި މޭ ވަނީ އެކަމަނާގެ ބްރެކްޒިޓް އެއްބަސްވުމަށް ރުހުން ދިނުމަށް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ. ނަމަވެސް ޕާލިމެންޓުގެ ރައީސް ޖޯން ބާކޯ ވަނީ އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެސް އިތުރު ވޯޓެއް ނުނެގޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އިނގިރޭސި ޕާލިމެންޓުން ވަނީ އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި ޖެހިގެން އައި ދުވަހު ޕާލިމެންޓުން ވަނީ ބްރެކްޒިޓް ލަސް ކުރުމަށް ވޯޓު ދީފަ އެވެ.

ބްރެކްޒިޓް ލަސް ކުރެވޭނީ އީޔޫގެ 27 މެމްބަރު ގައުމުން އެކަމަށް ރުހުން ދިނުމުންނެވެ.

އިނގިރޭސިން އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވެއްޖެ ނަމަ، އިނގިރޭސި އިގްތިސާދު ހަލާކުގެ ތެރެއަށް ވެއްޓޭނެ ކަމާއި އިނގިރޭސި ކުންފުނިތަކަށް ޔޫރަޕްގެ އިއްތިހާދާ މުއާމަލާތް ކުރާނެ ގޮތެއްނެތުމުން ކުންފުނިތައް ބަނގުރޫޓް ވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި އިގްތިސާދީ މާހިރުން ވިދާޅުވެ އެވެ. ސަބަބަކީ ޔޫރަޕްގެ އިއްތިހާދު އެއްކޮޅުގައި އޮވެފައި އިނގިރޭސިވިލާތް އަނެއްކޮޅުގައި އޮންނަ އިރު ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރާނެ ގޮތެއް އަދި އެއްބަސްވުމެއް އުސޫލެއް ނެތުމުން ގެއްލުންވާނީ އިނގިރޭސި އިގްތިސާދަށް ކަމަށްވާތީ އެވެ.

އިނގިރޭސި އިގްތިސާދަކީ ޔޫރަޕްގެ އަނެއް 27 ގައުމުގެ އިގްތިސާދާ އަޅާބަލާއިރު ވަރަށް ކުޑަ އިގްތިސާދެކެވެ. މީގެ އިތުރުން އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލައިފިނަމަ ޔޫރަޕްގެ އެހެން ގައުމުތަކާއި އިނގިރޭސިވިލާތް ޖެހި އިގްތިސާދީ އަދި ގާނޫނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މުޅި ގައުމު ވެއްޓިގެންދާނެތީ މިފަދަ ހާލަތެއްގައި ޔޫރަޕަށް ވުރެ ބޮޑަށް ގެއްލުންވާނީ އިނގިރޭސިވިލާތަށް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިފަދަ ހާލަތެއްގައި އިނގިރޭސި ކުންފުނިތަކަށާއި އިގްތިސާދަށް ވާނެ ގެއްލުންތައް އަންދާޒާ ކުރަން ވެސް ނޭނގޭ ކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް