ގްލޯބަލް މަނީ ވީކުގެ ވީޑިއޯ ހަދައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް

އި ގްލޯބަލް މަނީ ވީކަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތުގެ ތެރެއިން --

ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް އެމްއެމްއޭ އިން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ދަށުން ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހަރަކާތަކީ 12 އަހަރުން ދަށުގެ ކުދިން ފައިސާއާމެދު ދެކޭ ގޮތް ކުރު ވީޑިއޯއެއްގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބޭނުމަކީ ފައިސާއާއި މާލީ ކަންކަމާ ގުޅޭ ގޮތުން ކުޑައިރުއްސުރެ ވިސްނައި ފިކުރުހިންގުމަށް މަގުފަހިކޮށް މި ފަދަ މައުލޫތަކަށް ބެލެނިވެރިންނަށް ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

ވީޑިއޯ ސްކިޓް މުބާރާތުގައި ބައިވެރިވުމަށް ޓަކައި "ފައިސާ ބޭނުންވަނީ ކީއްވެ؟" ނުވަތަ "ފައިސާ ރައްކާކުރަނީ ކިހިނެއް؟" މި ދެ ސުވާލުގެ ތެރެއިން ކޮންމެ ވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ތައްޔާރުކުރުމަށް ފަހު 9494999 ޓެލެގްރާމް ކުރުމުން މުބާރާތުގައި ބައިވެރިވެވުނީ އެވެ.

ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު ޖެހުމަށް އެމްއެމްއޭ އިން އެދެއެވެ. ވީޑިއޯ ފޮނުވުމުގެ އެއްމެ ފަހު ތާރީހަކީ މިމަހު 24 ވަނަ ދުވަހެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓަކައި ފޮނުވާ ވީޑިއޯތައް 'ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް' ފޭސްބުކް ޕޭޖްގައި ޝާއިއު ކުރާނެއެވެ. ފޮނުވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެއެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.

މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގައެވެ. އެގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެމްއޭ ގުޅިގެން ބައެއް ސުކޫލްތަކުގައި ގްލޯބަލް މަނީ ވީކަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް ވެސް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މީގެ އިތުރުން ވެސް ގްލޯބަލް މަނީ ވީކް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ވަނީ ރާވާފައެވެ.

comment ކޮމެންޓް