ބަހުސްގައި ވަކި ކެންޑިޑޭޓެއްގެ މަސްލަހަތު ހިމާޔަތެއް ނުކުރަން: ޕީއެސްއެމް

ފެލިދޫ ދާއިރާގެ ބަހުސް -- ފޮޓޯ: ޕީއެސްއެމް

ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްމް) އިން ބާއްވާ "މަޖިލިސް ބަހުސް 2019" ކުރިއަށްގެންދާއިރު ވަކި ކެންދިޑޭޓެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ނުކުރާކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.

ޕީއެސްއެމް އިން މިހެން ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ވ. ފެލިދޫ ދާއިރާ އަށް ވާދަކުރާ އެމްޓީޑީގެ ކެންޑިޑޭޓޫ އަބްދުﷲ އާރިފް މަޖިލިސް ބަހުސްގައި ބައިވެރިވުމަށް ދިޔުމުން ފުރުސަތު ދީފައިނުވާކަމަށް ބުނެ ނެރެފައިވާ ބަޔާނަކާ ގުޅިގެންނެވެ. އާރިފް ވިދާޅުވެފައި ވަނީ ބަހުސަށް ދިޔައީ 10:29 ގައި ކަމަށާއި، ގަޑިޖެހިގެން ދިޔަ ކަމަށް ބުނެ ޓީވީއެމް އިން އޭނާ އަށް އެ ފުރުސަތު ގެއްލުވާލާފައިވާ ކަމަށެވެ. އަދި އޭނާ އަށް ފުރުސަތު ގެއްލުނީ ވަކި ކެންޑިޑޭޓެއްގެ ނުފޫޒުން ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

އެ ބަޔާނާ ގުޅޭގޮތުން ޕީއެސްއެމްގެ ތަރުޖަމާނު އާމިނަތު ހުޝާމާ މިރޭ "ސަން" އަށް ވިދާޅުވީ އެ ބަޔާނުގައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ވަކި ކެންޑިޑޭޓެއްގެ މަސްލަހަތު ހިމާޔަތް ކުރަން ޕީއެސްއެމް އިން މަސައްކަތް ކޮށްފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮންނާނެ ގައިޑްލައިނެއް އެކުލަވާލާ ހުރިހާ ޕާޓީއަކާ ހިއްސާކޮށްފައި. އެ ގައިޑްލައިން ގައި އޮންނާނެ ބަހުސް ފެށުމުގެ 20 މިނެޓު ކުރިން ހާޒިރުވާން ޖެހޭނެ ކަމަށް. އެ ވަގުތުކޮޅަކީ ބަހުސްގެ ބްރީފިން އެއް ދީ ގުރުއަތު ލާ ވަގުތު،" ހުޝާމާ ވިދާޅުވިއެވެ.

ހުޝާމާ ވިދާޅުވީ އާރިފް ބަހުސަށް ހާޒިރުވީ 10:34 ގައި ކަމަށާއި، ގަޑިއަށް ހާޒިރު ނުވާތީ 10:15 ގައި ގުޅުމުންވެސް އޭނާ ފޯނު ނަގާފައި ނުވާ ކަމަށެވެ.

"ބަހުސް އޮންނަ ދުވަހުގެ 24 ގަޑިއިރު ކުރިން އަޅުގަނޑުމެން ކެންޑިޑޭޓުންނަށް ގުޅާ ރިމައިންޑާ ވެސް އެބަދެން،" ހުޝާމާ ވިދާޅުވިއެވެ.

ގަޑިޖެހިގެން އައުމުން ފުރުސަތު ނުދިނުމަކީ ވަކި ކެންޑިޑޭޓެއްގެ ނުފޫޒުން ކުރި ކަމެއް ނޫން ކަމަށާއި އެއީ ހުރިހާ ކެންޑިޑޭޓުންގެ ވެސް މަސްލަހަތު ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިދޫ ދާއިރާގެ ބަހުސް ކުރިއަށްގެންދިޔައީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ފެލިދޫ ދާއިރާ އަށް އާރިފްގެ އިތުރުން ވާދަކުރަނީ އިބްރާހިމް ފަޒުލް ރަޝީދާއި މުހައްމަދު މަބްރޫކް އަޒީޒެވެ.

comment ކޮމެންޓް