ދޫނިދޫ ގައި ބަންދުކޮށްފައި ހުރި މީހަކު ގޮޅީތެރެއަށް ވެއްޓި ޒަހަމްތަކެއް ލިބިއްޖެ

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި މީހަކު، އޭނާ ހުރި ގޮޅީގެ ތެރެއަށް ވެއްޓި ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 3:45 އާއި 4:00 އާ ދެމެދު ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި މީހަކު ގޮޅީތެރެއަށް ވެއްޓުމުގެ ސަބަބުން ދޫނިދޫގައި ހުންނަ ކްލިނިކަށް ދައްކާފައިވާ ކަމަށެވެ.

ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުގެ ފުއްކިބައިގައި ޒަހަމްތަކެއް ހުރުމުގެ ސަބަބުން ދޫނިދޫ ކްލިނިކަށް ގެންގޮސް އޭނާގެ ބޮލުގައި ބޭސް އެޅި ކަމަށާއި އެ ބޭސް ގަނޑު އޭނާ އަމިއްލަ އަށް ނައްޓާލުމުން ފުލުހުން އަނެއްކާވެސް ދޫނިދޫ މެޑިކަލްސް މެދުވެރިކޮށް އެމީހަގެ ބޮލުގައި ބޭސް އެޅު ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ފުލުހުންގެ ބަންދަށް ދޫނިދޫ އަށް ގެންދިޔަ ފަހުން ހަތަރު ފަހަރެއްގެ މަތިން ދޫނިދޫ މެޑިކަލްސް އަށް ގެންދިޔަ ކަމަށާއި އެއް ފަހަރު ސައިކައެޓްރިސްޓަކަށް ދައްކާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާގެ ކިބައިން ނަފްސާނީ މައްސަލަތަކެއް ފެންނަކަން ފާހަގަކޮށް ފުލުހުން ބުނީ މިއަދަކީ އޭނާގެ މުއްދަތު ހަމަވާ ދުވަސް ކަމަށާއި އެމީހާ މިހާދޫކޮށްލައި އޭނާގެ ބައްޕަ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މީހަކީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްކަމެއް ފުލުހުން ނުބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް