މިފްކޯގެ ވޭނަކަށް ހަމަލާދީ ދެ މިލިއަން ރުފިޔާ ފޭރިގެންފި

މިފްކޯގެ ވޭން: ބިއްލޫރިގަނޑު ތަޅާލާފައި -- ސަން ފޮޓޯ/ މުޒައްޔިނު

ސަރުކާރުގެ މަސް ކުންފުނީގެ ވޭނަށް ހަމަލާދީ، ކޯރާޑީއަކުން ދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދެ މިލިއަން ރުފިޔާ ފޭރިގެންފި އެވެ.

ފުލުހުންނާއި މިފްކޯ އިން ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 3:15 އެހާކަންހާއިރުި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ރިންގް ރޯޑް، ވިލާ ކޮލެޖް ކައިރިން ފޭރުނު މަސައްލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޑަރު އިސްމާއިލް ފައުޒީ އެ ސަރަހައްދުގައި ހުންނަވައި، "ސަން" އަށް ވިދާޅުވީ، ވޭނުގައި ދެ މިލިއަން ރުފިޔާ ހުންނާނެ ކަމަށާއި އޭރު ވޭން ދަތުތު ކުރަމުން ދިޔައީ އެއާޕޯޓް މަގުން އެ ފައިސާތައް ފެލިވަރަށް ފޮނުވުމަށް ކަމަށެވެ.

"އެ ވޭނަކީ މިފްކޯގެ ޑެލިވަރީ ވޭނެއް. ވޭން ދަތުރު ކުރަމުން ދިޔައީ އެއާޕޯޓަށް ދިޔުމަށް. ފޭރިގެންފައި ވަނީ ފެލިވަރަށް ފޮނުވި ދެ މިލިއަން ރުފިޔާ،" ފައުޒީ އެސަރަހައްދުގައި ހުންނަވާ ސަން އަށް ވިދާޅުވި އެވެ.

މިފްކޯގެ ދެ މިލިއަން ރުފިޔާ ފެރިގަތް ވޭން: އެ ވެނުން ފައިސާތައް ފޭރިގެންފައި ވަނީ ހަތަރު މީހަކު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފައުޒީ ވިދާޅުވީ، ވޭނުން ފައިސާތައް ފޭރިގެންފައި ވަނީ ވޭންގެ ދޮރުފަތުގެ ބިއްލޫރިގަނޑު "ކޯރާޑިއަކުން" ހަލާކު ކޮށްލައިގެން ކަމަށެވެ.

މަންޒަރު ދުށް މީހަކާ ހަވާލާ ދީ ފައުޒީ ވިދާޅުވީ، ފައިސާތައް ފޭރިގެންފައި ވަނީ ހަތަރު މީހަކު ކަމަށާއި އެ މީހުން ތިބީ މޫނު ނިވާ ކޮށްގެން ކަމަށެވެ.

މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވާއިރު، މިދިޔަ ހަފްތާ އާދިއްތަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) ބޭންކް ކާއިރިން ވަނީ 2.3 މިލިއަން ރުފިޔާ ފޭރިގެންފަ އެވެ. އެ ހާދިސާގައި ހަ މީހަކު ބަންދުގައި ތިބި އިރު، އަދި ވެސް އެ ފައިސާތައް ވަނީ ނުފެނިފަ އެވެ.

comment ކޮމެންޓް