ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނުމަކީ ކޮރަޕްޝަނެއް ނޫން: އެމްޑީޕީ

އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ދާއިރާތަކުގެ ރައްތިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވުމަކީ ކޮރަޕްޝަނެއް ނޫން ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

މިރޭ އެމްޑީޕީ އިން ދަރުބާރުގޭގައި ބާއްވާ އިވެންޓަކީ އެމްޑީޕީ ސަރުކާރުގައި ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ނުލިބުނު މީހުންނަށް ފްލެޓު ދޭން ބާއްވާ އިވެންޓެއް ކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފަ އެވެ. އަދި މާލޭ ދާއިރާތަކަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓުން ގެންދަވަނީ ކެމްޕޭންގައި، ވެށިފަހި ޕްރޮގްރާމުން ފްލެޓު ނުލިބުނު މީހުންނާ ބައްދަލުކުރައްވައި ފްލެޓުގެ ޔަގީންކަން ދެއްވަމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް މިއަދު ވިދާޅުވީ، މިރޭ ބާއްވާ އިވެންޓަކީ "ވެށިފަހި މާލެ" ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެއް ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކަށް ފްލެޓު ދޭން ބާއްވާ އިވެންޓެއް ނޫން ކަމަށް ވިދާޅުވި އެވެ. އަފްޝަން ވަނީ އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީއަކަށް ފްލެޓު ނުދެވޭނެކަން ފާހަގަކުރައްވައިފަ އެވެ.

އަފްޝަން ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕޭނުގައި ދައްކަވަނީ އެޖެންޑާ 19ގައި ހިމެނޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ވާހަކަ ކަމަށެވެ. އަދި އެ ސިޔާސަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދަށް މަޖިލީހުން ބާރުވެރިކަން ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވަނީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން އަދި ގެދޮރުވެރިކަން މި ފަސް އަހަރުގެ ދައުރުގައި ޔަގީންކޮށްދިނުން ކަމަށް. އަދި ފްލެޓާއި ގޯތި ހައްގު ފަރާތްތަކަށް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވިދާޅުވޭ. އެމްޑީޕީގެ ކެންޑިޑޭޓުން މި ވާހަކަ ދައްކަވާނެ. އެޖެންޑާ 19ގެ ސިޔާސަތުތަކުން ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވުމަކީ މައްސަލައެއް ކަމަށް ނުވަަަތަ ކޮރަޕްޝަން ކަމަށް ގަބޫލެއް ނުކުރެވޭ." އަފްޝަން ވިދާޅުވި އެވެ.

ވެށިފަހި ފްލެޓުތައް ލިބޭނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ކެންޑިޑޭޓުން ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަލްހާން ފަހުމީ ވަނީ އެކަން ކުށްވެެރިކޮށް އެ މައްސަލަ ބެލުމަށް އޭސީސީއަށް ގޮވާލައްވައިފަ އެވެ.

https://sun.mv/116981

ވެށިފަހި ފްލެޓުތައް ލިބޭނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ކެންޑިޑޭޓުން ދޭ ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވާ އިރު މާލޭގައި ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް