ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ -- ފޮޓޯ: ކަސްޓަމްސް

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ޖުމްލަ 111 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ 10 މާރިޗު 2019 ވީ އާދީއްތަ ދުވަހު ޕޯސްޓު މެދުވެރިކޮށް ފޮނުވި ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ފަސް ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ޕެކޭޖުތަކުން އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއެވެ. ފަސް ޕެކޭޖަކުން ފެނުނު އެ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 111 ގްރާމު ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

އެ ފަސް ޕެކޭޖު އައިސްފައި ވަނީ ހަތަރު ގައުމަކުންނެވެ. އެއީ ނެދަލޭންޑްސް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތެވެ. ނެދަލެންޑްސްއިން ދެ ޕެކޭޖެއް އައެވެ.

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު އެ މަސްތުވާތަކެތީގެ މައްސަލަ ބެލުމަށް އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

comment ކޮމެންޓް