އާލިއާގެ އުފަންދުވަހު މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ދިނީ ގެ!

ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އާލިއާ ބަޓް އޭނާގެ 26 ވަނަ އުފަންދުވަސް ފާހަގަކުރީ މި މަހުގެ 15 ވަނަ ދުވަހެވެ. އާންމުކޮށް އުފަންދުވަހަކީ އެހެން މީހުންގެ ފަރާތުން ހަދިޔާ ލިބޭ ދުވަހެއް ނަމަވެސް، އާލިއާ މިފަހަރު މިވަނީ އޭނާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އޭނާގެ ދެ މުވައްޒަފަކަށް ވަރަށް އަގުބޮޑު ހަދިޔާއެއް ދީފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާލިއާ ވަނީ އޭނާގެ ޑްރައިވަރު ސުނިލް އަށާއި، ގޭގައި ގެންގުޅޭ މަސައްކަތު މީހާ އަންމޯލް އާއި ކޮންމެ މީހަކަށް 50 ލައްކަ ރުޕީޒް (72,420 އެމެރިކާ ޑޮލަރު) ދީފަ އެވެ. އަދި އެއީ އެ ދެމީހުން މުމްބާއީ އިން ގެ ގަންނަން އާލިއާ ދިން ފައިސާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ސުނިލް އަދި އަންމޯލް ވެސް މިހާރު ވަނީ އެމީހުންނަށް ކަމުދާ ގެއެއް ހޯދައިފަ އެވެ.

އަންމޯލް އަދި ސުނިލް އަކީ ވެސް އާލިއާ 2012 ވަނަ އަހަރު 'ސްޓޫޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަށް ތައާރަފު ވީއިރު ވެސް އޭނާގެ ޚިދުމަތުގައި ތިބި ދެމީހުންނެވެ. އެހެންކަމުން އެއީ އޭނާއަށް އެންމެ ކަމުދާ މުވައްޒަފުން ކަމަށްވެ އެވެ.

ދެ މުވައްޒަފަކަށް ގެ ގަނެދިން އިރު އާލިއާ ވަނީ ވަރަށް ފަހުން އޭނާއަށް ވެސް އާ ގެއެއް ގަނެފަ އެވެ. އާލިއާ ބުނީ އެއީ އޭނާގެ އޮފީސްގެ ގޮތުގައި ބޭނުންކުރާނެ އިމާރާތް ކަމަށެވެ. އާލިއާ އަންނަނީ 'އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް'ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ހިންގަމުންނެވެ.

comment ކޮމެންޓް