ލޯ ފަން މީހުންނަށް ބްރެއިލް ބޭނުންކޮށްގެން ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައިފި

ލޯ ފަން މީހަކު ގުރުއާން ކިޔަވަނީ: އެ ގުރުއާން ލިޔެފައި ވަނީ ބްރެއިލް އިން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ލޯ ފަން މީހުންނަށް ބްރެއިލް ބޭނުންކޮށްގެން ގުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ.

ލޯ ފަން މީހުންނަށް ގުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ރައީސް އިފްތިތާހުކޮށްދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ސޯލިހު އެވެ. ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ލޯ ފަން މީހުންނަށް ގުރުއާންދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ އިތުރުން އަޑު އެހުމުން މަހުރޫމުވެފައިވާ މީހުންނަށް ސައިން ލެންގުއޭޖް ބޭނުންކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އެެއްވެސް މީހެއް، އެމީހެއްގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބާކީ ކުރުމަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށެވެ.

"އެއްވެސް މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެމީހަކު މުޖުތަމައުން އެކަހެރިކޮށް، ބާކީކުރުމަކީ އިސްލާމް ދީން ގަބޫލުކުރާ ހަމައެއް ނޫން،" ޑރ. ޒާހިރު ވިދާޅުވި އެވެ.

އިސްލާމިކް މިނިިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ތައުލީމް ހާސިލްކޮށް، އުނގެނުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުގަންނައިދިނުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރެވޭނެ ބަޔަކީ އެކުދިންގެ މައިންބަފައިން ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ މައުލޫމާތު ދިނުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.

comment ކޮމެންޓް