އޮސްޓްރޭލިޔާގެ ޓެރަރިސްޓަށް މަރުގެ އަދަބު ދޭންޖެހޭ : އުރުދުޣާން

އުރުދުޣާން

އަންކަރާ (މާޗް 19) : ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ޓެރަރިސްޓް ހަމަލާތަކެއްދީ މުސްލިމުންގެ 50 މީހުން މަރާލި ގާތިލަށް މަރުގެ އަދަބު ދިނުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ.

ތުރުކީގެ އުތުރުގައި ބޭއްވި ކޭންޕޭން އެއްވުމެއްގައި ތަގްރީރު ކުރައްވަމުން އުރުދުޣާން ވިދާޅުވީ އެ ގަތްލުއާންމު ހިންގި އޮސްޓްރޭލިޔާގެ ޓެރަރިސްޓް ބްރެންޓަން ޓެރަންޓް އެކަމަށް އިއްތިރާފްވެފައިވާއިރު އޭނާ މަރާލި 50 މީހުންގެ ހައްގުގައި އޭނާއަށް މަރުގެ އަދަބު ދިނުން ހައްގުކަމަށާއި މަރުގެ އަދަބު ދެވޭގޮތަށް ނިއުޒިލޭންޑްގެ ގާނޫނުތައް ބަދަލުކުރުމަށް އެގައުމުގެ ކިބައިން އެދޭކަމުގައެވެ.

ނިއުޒިލޭންޑުން އެކަން ނުކޮށްފިނަމަ މުސްލިމުން މެރި އޮސްޓްރޭލިޔާގެ ޓެރަރިސްޓް ބްރެންޓަން ޓެރަންޓް ހިންގި ޖަރީމާގެ ހިތިރަހަ އޭނާގެ ކަރުބުޑުގައި ލައްވާލުމަށް ތުރުކީ އޮތީ ތައްޔާރަށް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އުރުދުޣާން ވިދާޅުވީ މަރަށް މަރު ހިފުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހުޅަނގުގެ ބޯދާ ފިކުރުގެ ބައެއްކަމަށާއި އެ ފިކުރުގައި ޖެހިގެން ތުރުކީއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައި ކަމުގައެވެ. އަދި ތުރުކީ މިހާރު މަސައްކަތް ކުރަނީ ޔޫރަޕްގެ ބޯދާ ފިކުރުން އަރައިގަތުމަށް ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ކްރައިސްޗާޗު ސަރަހައްދުގެ ދެ މިސްކިތުގައި ހުކުރު ނަމާދުކުރަން ތިބި މުސްލިމުންނަށް މިދިޔަ ހުކުރުދުވަހު ބަޑިން ހަމަލާދީ 50 މީހުން މަރާލި ގަތުލު އާންމު ހިންގި އޮސްޓްރޭލިޔާގެ ޓެރަރިސްޓް ބްރެންޓަން ޓެރަންޓް އެކަންކުރީ މުސްލިމުން ދެކެ ނަފްރަތު ކުރާތީ އާއި މުސްލިމުން ހުޅަނގަށް ހިޖްރަކޮށް ހުޅަނގުގެ ގައުމުތަކުގައި ވަޒަންވެރިވާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުންކަމަށް އޭނާ ބުނެފައިވެއެވެ.

ޓެރަންޓަކީ ބޭރު މީހުންނަށާއި އަދި ޚާއްސަކޮށް މުސްލިމުންނަށް ނަފްރަތު ކުރުމުގައި ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ފިކުރުގެ މީހެއްކަމަށް އޮސްޓްރޭލިޔާގެ ސަރުކާރުންވެސްވަނީ ބުނެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު