ގަވާއިދާ ބެހޭގޮތުން ސުޕްރީމް ކޯޓުން ދެކޭ ގޮތެއް ބަލަން ލިޔުމުން އެދެފި

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ވަޒީރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ފާސްވެއްޖެނަމަ އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދެކޭ ގޮތް ބަލަން އެ ކޯޓުގައި ލިޔުމުން އެދެފިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ އިސްލާހު ވޯޓަށް ނާހައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅަން ނިންމައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ނިންމީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މިހާރު އެ އިސްލާހާ މެދު ސުޕްރީމް ކޯޓުން ދެކޭ ގޮތް ހޯދުމަށް ސުޕްރީމް ކޯޓަށް ލިޔުން ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ޒިޔާއު ވިދާޅުވީ، ސުޕްރީމް ކޯޓަށް މަޖިލީހުން ލިޔުން ފޮނުވީ އިސްތިޝާރީ ލަފަޔަކަށް އެދިއެއް ނޫން ކަމަށެެވެ. އިސްތިޝާރީ ލަފަޔަކަށް އެދި ފޮނުވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެކަން ކުރުމަށް ފާސް ވުމުންނެވެ.

އާ ގަވައިދު ކޮމެޓީއިން ފާސްކޮށްފައިވަނީ މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމީހެއްގެ މަގާމު ވަގުތުން ގެއްލޭ ގޮތަށެވެ.

މިއީ ސުޕްރީމް ކޯޓުން މީގެ ކުރިން އިމްޕީޗްމެންޓާ ބެހޭގޮތުން ކުރި ހުކުމާ ތައާރަޒްވާ ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ މައި ޕާޓީ، އެމްޑީޕީން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ކުރި ހުކުމުގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

comment ކޮމެންޓް