އަލްޖަޒާއިރުގެ ސިޔާސީ މުސްގަތްބަލް ކަނޑައެޅުމަށް ގައުމީ މަހާސިންތާއެއް ބާއްވަނީ

އަލްޖަޒާއިރުގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ --

އަލްޖަޒާއިރު (މާޗް 19) : އަލްޖަޒާއިރަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށްޓަކައި ގައުމީ ފެންވަރުގެ މަހާސިންތާއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާ ވިދާޅުވެއްޖެއެވެ.

ބޫތާފްލީގާ ގެ އިސްތިއުފާ އަށް ގޮވާލައި ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން އަރަބި އައްނަހާރު ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ބޫތާފްލީގާ ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ މައިގަނޑު ސިޔާސީ މައްސަލައަކީ އޭނާގެ ރިޔާސީ ދައުރު ނިމުމަށްފަހު ވެރިކަމުގެ ކަންތައް ކުރިޔަށްގެންދާނެ ގޮތާއި ގައުމުގެ ސިޔާސީ މުސްތަގްބަލް ބައްޓަން ކުރާނެގޮތެއް ކަނޑައެޅުން ކަމުގައެވެ. އެކަން ކުރުމަށްޓަކައި ގައުމީ ފެންވަރުގެ މަހާސިންތާއެއް ވަރަށް އަވަހަށް ބާއްވައި މުހިއްމު ނިންމުންތަކެއް އެ މަހާސިންތާއިން ނިންމާނެކަމަށް ބޫތާފްލީގާ ވިދާޅުވިއެވެ. ބޫތާފްލީގާއަށް ފަހު އަލްޖަޒާއިރުގެ ސިޔާސީ މުސްތަގްބަލް ބައްޓަން ކުރުމަށްޓަކައި އިންތިގާލީ މަރްހަލާއެއް ބޭނުންވާކަމަށް އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ބޫތާފްލީގާ ގެންދަވަނީ 1999 ވަނަ އަހަރުން ފެށިގެން އަލްޖަޒާއިރުގައި ރައީސްކަން ކުރައްވަމުންނެވެ. އޭނާ ރިޔާސީ ތިން ދައުރު ފުރިހަމަ ކުރައްވައި ހަތަރުވަނަ ދައުރު ނިންމެވުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ރިޔާސީ ތިންވަނަ ދައުރުގެ ތެރޭގައި ސްޓްރޯކެއް ޖެހިވަޑައިގެން ބޫތާފްލީގާ އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ފުރޮޅުލީގޮނޑިއެއްގައެވެ.

ސިއްޙީ ގޮތުން އެ ހާލަތުގައި ހުންނެވި ނަމަވެސް ބޫތާފްލީގާވަނީ އެޙާލުކޮޅުގައި ރިޔާސީ ތިންވަނަ ދައުރު ނިންމަވައި ހަތަރުވަނަ ދައުރުވެސް ނިންމެވުމާ ގާތަށް ވަޑައިގެންފައެވެ. ހަތަރުވަނަ ދައުރަށްފަހު އެހާލުގައި ހުންނަވައިގެން ރިޔާސީ ފަސް ވަނަ ދައުރަކަށްވެސް ކުރިމަތިލެއްވުމަށް ބޫތާފްލީގާ ނިންމެވުން އެކަމާދެކޮޅަށް މިދިޔަ ފެބްރުއަރީމަހު ރައްޔިތުން ކުރަންފެށި މުޒާހަރާތަކާ ގުޅިގެން ބޫތާފްލީގާ ވަނީ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައި އެކަން މި މާޗް މަހުގެ ފުރަތަމަ ހަފްތާގައި އިޢްލާން ކުރައްވާފައެވެ.

ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ނިންމެވީ ސިއްޙީ ހާލުކޮޅު ތަންނުދިނުމާއި އުމުރުފުޅު މާމައްޗަށް ދިޔުމުން ރިޔާސީ ޒިންމާތައް އުފުއްލަވަން ދަތިފުޅުވާތީ ކަމަށް ވެސް ބޫތާފްލީގާ ނެރުއްވި ބަޔާނުގައިވެއެވެ. ނަމަވެސް އެބަޔާނާއެކު މުއްދަތެއް ނެތި ރިޔާސީ ދައުރު އިތުރު ކުރުމަށް ބޫތާފްލީގާ ވަނީ ނިންމަވާފައެވެ.

މުއްދަތެއް ނެތި އޭނާގެ މިހާރުގެ ރިޔާސީ ދައުރު އިތުުރު ކުރުމަށް ނިންމަވައި މަގާމުން އެއްފަރާތް ވެ ވަޑައިގަތުމަށް ފަސްޖެހިވަޑައިގަތުމުން ބޫތާފްލީގާގެ އިސްތިއުފާ އަށް ގޮވާލައި އަލްޖަޒާއިރުގައި އަލުންވަނީ މުޒާހަރާތައް ފަށާފައެވެ. މިގޮތުން މިހާތަނަށް ކޮށްފައިނުވާ ވަރުގެ ބޮޑު މުޒާހަރާއެއް އެ ގައުމުގެ ވެރިރަށުގައި މިދިޔަ ހުކުރުދުވަހު ވަނީ ކޮށްފައެވެ. އެ މުޒާހަރާގައި ބައިމިލިޔަން މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު