ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގެ ތެރެއިން: މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދު ބޭއްވި ޖަލްސާ ނިންމާލައިފި އެވެ.

ހެނދުނު 9:00 ޖަހާއިރަށް ތާވަލުކުރި ނަމަވެސް ކޯރަމް ހަމަ ނުވެގެން މަޖިލިސް ޖަލްސާ ފައްޓާފައި ވަނީ އެޖެންޑާ ކުރި ވަގުތަށް ވުރެން ބައިގަޑިއިރެއްހާއިރު ފަހުންނެވެ.

މިއަދުގެ ޖަލްސާގައި އޮތީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވުމެވެ.

އެ މައްސަލަ ކޮމެޓީއަށް ފޮނުއްވުމަށް ފަހު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެޖެންޑާ ކުރެވޭނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލާ ކަމަށެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ކޮމެޓީތަކުން މައްސަލަތަކެއް އައުމަށްފަހުގައި މެނުވީ ދެން އަޅުގަނޑުމެނަށް ކުރެވޭނެ ކަމެއް މިވަގުތު ނެތީމަ އަޅުގަނޑު މަޖިލީހުގެ މި ޖަލްސާ ވެސް ނިންމާލާނަން،" ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ކޮމެޓީތަކުގައި ހުރި މަސައްކަތްތަކުން ކަމެއް ނިމިގެން މަޖިލީހަށް ފޮނުވުމުން ނުވަތަ އެހެން ކަމެއް މަޖިލީހަށް ހުށަހެޅުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާއެއް ބާއްވާފަ އެއް ނުވެ އެވެ. ހަފްތާއެއް މެދުކެނޑުމަކަށްފަހު އިއްޔެ ބޭއްވި ޖަލްސާ ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ފެށިފައިވަނީ ލަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް