ގޯލު ޖެހުމަށް ފަހު ސެލެބްރޭޓް ކުރި ގޮތަކުން ރޮނާލްޑޯއަށް ސަސްޕެންޝަން!

ކުރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ޑޮމް ފެރަލް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުން ޔުވެންޓަސްއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު، އަހުލާގީ ގޮތުން ބަލައި ނުގަނެވޭނެ ފަދަ ގޮތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސެލެބްރޭޓް ކޮށްފައި ވާތީ އެ މައްސަލަ ޔޫއެފާއިން ބަލަން ފަށައިފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ އެ މެޗުގައި އެތުލެޓިކޯ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. ފުރަތަމަ ލެގުގައި 0-2 އިން ޔުވެންޓަސް ބަލިވި އިރު ކުއާޓާއަށް ދިއުމަށް ޔުވެންޓަސް އަށް ބޭނުންވި ކަމްބެކް ހެދުމަށްފަހު ރޮނާލްޑޯ ވަނީ އިދިކޮޅު ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭއަށް މަލާމަތް ކުރުމުގެ ގޮތުން ހާއްސަ ސެލެބްރޭޝަނެއް ކޮށްފަ އެވެ.

ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމުން އެރި ފޯރީގައި ސިމިއޯނޭ އުފާ ފާޅު ކުރުމަށް ކުރި ސެލަބްރޭޝަނަކީ އަހްލާގީ ގޮތުން ބަލައި ނުގަނެވޭނެ ފަދަ ސެލަބްރޭޝަނެއް ކަމަށް ބުނެ ޔޫއެފާއިން އޭނައަށް ވަނީ އަދަބު ދީފަ އެވެ. އެގޮތުން ޔޫއެފާއިން ވަނީ 20،000 ޕައުންޑުން ސިމިއޯނޭ ޖޫރިމަނާ ކޮށްފަ އެވެ.

ސިމިއޯނޭއަށް އަދަބު ދީފައިވާ އިރު ރޮނާލްޑޯއަށް އެއަށްވުރެން ބޮޑު އަދަބެއް އައިސްދާނެ ކަމަށް ބައެއް ރިޕޯޓް ތަކުން ބުނެއެވެ. އެގޮތުން އަންނަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސްއާއި އަޔެކްސް ވާދަ ކުރާ މެޗަށް އޭނާ ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްއަށާއި ރެއާލް މެޑްރިޑްއަށް ވެސް ކުޅެފައިވާ އިރު އޭނާ ގޯލު ޖެހުމަށް ފަހު ބޭނުން ކުރާ ސެލެބްރޭޝަނަކީ ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ސެލަބްރޭޝަނެވެ. ނަމަވެސް ރޮނާލްޑޯގެ ބަލަމުންދާ އަހުލާގީ މައްސަލައަށް ގޮތެއް ނިންމާނީ މި މަހުގެ 21 ވަނަ ދުވަހު ޔޫއެފާ ކޮންޓްރޯލްއާއި އެތިކްސް އަދި ޑިސިޕިލިނަރީ ބޮޑީއިން ބާއްވާ ބައްދަލުވުމަށް ފަހު އެވެ.

އެންމެ ފަހުން ޔުވެންޓަސް އިޓާލިއަން ލީގުގައި ގެނޯއާ އަތުން ބަލިވި މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. އެ މެޗުގައި ރޮނާލްޑޯ ރެސްޓް ކޮށްފައި ވަނީ ކުރިއަށް ހުރި ވަރުގަދަ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލެގްރީ ވަނީ ވާހަކަ ދައްކައިފައެވެ.

comment ކޮމެންޓް