"ބްރަހްމާޝްތުރަ"ގެ ވިލަން އަކީ މޯނީ!

ޑައިރެކްޓަރު އަޔާން މުކަރްޖީގެ އުންމީދީ ފިލްމު 'ބްރަހްމާޝްތުރަ' ގައި ފެނިގެންދާނީ ފިލްމުގެ ވިލަންގެ ރޯލުން ކަމަށް ބަތަލާ މޯނީ ރޯއީ ހާމަކޮށްފި އެވެ.

'ބްރަހްމާސްތުރަ' އަކީ އަޔާން ޑައިރެކްޓުކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ނިމިފައި ވާއިރު އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދާނީ އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި އަމީތާބް ބައްޗަން އެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޯނީ ބުނީ ވިލަންގެ ރޯލު ކުޅެން ފުރުސަތު ލިބުމުން އޭނާ ފުރަތަމަ ހައިރާންވި ކަމަށެވެ. އަކްޝޭ ކުމާރުގެ 'ގޯލްޑް' އިން ބޮލީވުޑަށް ތައާރަފުވި ކާމިޔާބު ޓީވީ އެކްޓަރު މޯނީ ބުނީ ތަފާތު ރޯލެއް ކުޅެން ޖެހުމުން އުފާވި ކަމަށާއި، އެ ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އެކްޓަރެއް ވިއްޔާ އަބަދު ވެސް ޖެހޭނީ ތަފާތު ރޯލުތައް ކުޅެން. ވީހާވެސް ވާސަޓައިލް ވާން. ނޫނީ މީހާގެ ހުނަރު ތަރައްގީއެއް ނުވާނެ،" މޯނީ ބުންޏެވެ.

މޯނީ ބުނީ 'ބްރަހްމާޝްތުރަ' އިން އޭނާއަށް ފުރުސަތު ލިބުނީ ޓީވީ ޑްރާމާ 'ނާގިން'ގައި އޭނާ އަދާކުރި ރޯލު އަޔާންއަށް ކަމުގޮސް، ފިލްމުގެ ވިލަންގެ ރޯލު އޭނާއަށް ކުޅެވޭނެކަން އަޔާންއަށް ގަބޫލުކުރެވުމުން ކަމަށެވެ.

އަމީތާބް، ރަންބީރު އަދި އާލިއާ ފަދަ ފުންނާބު އުސް ފަންނާނުންނާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ފިލްމުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް މޯނީ ބުންޏެވެ. ދަރްމާ ޕްރޮޑަކްޝަންގެ އެ ފިލްމު ރިލީޒްކުރާނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް