ދަތުރުދާނެ ރަށެއް މާލެ ކައިރިން ވަރަށް އަވަހަށް ހަމަޖެހޭނެ: ރައީސް

އީވާގެ ކެމްޕެއިން އިވެންޓުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެއާ ވަރަށް ކައިރިން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާއާއެކު ދަތުރު ދިއުމަށް މާލެކައިރިން ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ 90 ދުވަހުގެ ތެރޭގައި ކުރަން ވީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ގަލޮޅު އުތުރު ދާއިރާއަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވވާ ކެންޑިޑޭޓް އީވާ އަބްދުﷲގެ ކެމްޕެއިން އިވެންޓުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ވައުދު ވަރަށް އަވަހަށް ފުއްދަވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ ވަރަށް އަވަހަށް. ވަރަށް އަވަހަށް ތިބޭފުޅުނަށް ރަނގަޅު ފެސިލިޓީސްތަކާއެކުގައި މާލެއާ ވަރަށް ކައިރިން ދަތުރު ދާނެ ރަށެއްވެސް ހަމަޖެހިގެންދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޕިކްނިކް ދާނެ ސަރަހައްދެއް ނުވަތަ ރަށެއް ނެތް ރައްޔިތުން ޕިކްނިކް ދިއުމަށް ސަރަހައްދެއް ނުވަތަ ރަށެއް ހަމަޖެއްސުމަކީވެސް ސަރުކާރުގެ 90 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެކަން އޮތީ ކިހާހިސާބެއްގައި ކަމެއް ސާފެއް ނުވެ އެވެ.

އީވާގެ ކެމްޕެއިން އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލެ ހިތްފަސޭހަ ކުރުމަށް ކުރަން ހުރި ބައެއް ކަންކަމުގެ ވާހަކަ ރައީސް ސޯލިހު މިރޭ ވިދާޅުވި އެވެ. އެގޮތުން މާލޭގައި ޓްރެފިކްގެ މައްސަލައާއި ގޯތުގެދޮރުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާލެއަކީ ސާފުތަނަކަށް ހަދައިދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މާލޭގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރެވިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މުޖުތަމައެއް ދިރިއުޅުމަށް ކަމު ނުދާނެ ހުރިހާ ސިފަތަކެއް މާލޭގައި އެބަހުރި ކަމަށެވެ. އަދި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"މައްޗަންގޮޅި ދެކުނުގެ ގެއަކުން މީހަކާ ބައްދަލުވެ ކީއްތޯ ކޮށްދެންވީ އެހީމާ ވިދާޅުވީ ނޭވާލެވޭނެ ގޮތެއް ހަދާދޭށޭ. މިހިސާބުގައި މާލޭގެ ގޭގޭގެ ކަންތައްހުރީ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މާލެ ހިތްފަސޭހަ ކުރުމަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން މާލޭގައި އޮތް ކޮމާޝިއަލް ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް އެސަރަހައްދުގައި ހުރި ވިޔަފާރީގެ ހުރިހާ މަސައްކަތެއް ތިލަފުއްޓަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މާލެއަކީ ހިތްފަސޭހަތަނަކަށް ބަދަލުވެގެންދާނެ މަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް