ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި ބައިވެރިނުވާނަން: ނަޝީދު

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ރައީސް ނަޝިދު ވާހަކަ ދައްކަވަނީ: ނަޝީދު ވިދާޅުވަނީ، އެމްޑީޕީ ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި ބައިވެރިނުވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ މީހެއްގެ ކެމްޕެއިންގައި ބައިވެރިނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީ ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ތާއީދު އެޕާޓިން މިއަދު ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އެކަމަކު އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.

މުޣުނީގެ ނަން ވިދާޅުނުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަަށެވެ.

"ކެނޑިޑޭޓަކާ މެދު އެފަދަ ތުހުމަތު ތަކެއް ކުރެވޭނަމަ އެބޭފުޅަކު އަމިއްލައަށް އެފަދަ ކަމެއް މީގެ ފަހުން ނުކުރުމަށް އެއްބަސްވުމާ އެކު، އެކަމަށް މައާފަށް އެދުމަށް އަޅުގަނޑު ވަރަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.

މުޣުނީގެ ކުރީގެ އަންހެނުންނަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އޭނާއަށް ކުރާ ތާއީދު އެމްޑީޕީން ގެންގޮސްފައިވާއިރު، މުޣުނީ މިއަދު "ސަން" އަށް ވިދާޅުވީ، އެ ނިންމެވުން އޭނާ އަށް އެނގިގެން ދިޔައީ ނޫސްތަކުން ކަމަށާއި އެފަދަ ނިންމުމެއް ނިންމިކަން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އެނާގެ ބަހެއް ނެތި އެމްޑީޕީން ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ، މުޣުނީއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިން ކަމަށާއި އެ ނިންމުން ނިންމަވާފައިވަނީ ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އޭނާއާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ވެސް މުޣުނީ ދޮގު ކުރެއްވިއެވެ. މުޣުނީ ވިދާޅުވީ، އެ ތުހުމަތަކީ މީގެ 11 އަހަރު ކުރިން އޭނާ ވަރިކުރި އަންހެނުނަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކެއް ކަމަށާއި އެ ފަދަ މައްސަލައެއް އެއްވެސް ކޯޓަކަށް ވެސް ފުލުހުންގެ މުއައްސަސާއަކަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

https://sun.mv/116928

މުޣުނީއަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވަނީ ތިނަދޫގައި އެމްޑީޕީގެ އެ ނިންމުމާ ދެކޮޅަށް ހިނގާލުމެއްވެސް ބާއްވާފަ އެވެ.

comment ކޮމެންޓް