ޓްރިވެންޑްރަމްގައި ދިވެހިން ތިބި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ހޮޓެލް ---

އިންޑިއާގެ ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން ތިބި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފަިއވަނީ ދިވެހިން އާންމުކޮށް ގޮސް ތިބޭ ބީޖީ ޕްލާޒާ ހޮޓެލުގަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތުވެސް އެ ހޮޓެލުގައި 83 ދިވެހިން ތިބިކަން އެނގިފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ތިބި ކަންވެސް އެނގިފައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަ ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ޓްރިވެންޑްރަމްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. އަލިފާން ރޯވީ ހޮޓެލުގެ ޓެރަސްގައި ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން މުޅި ހޮޓަލުން ކަރަންޓު ކަޑައިގެން ދިޔަ ކަމަށް މިއުވާން ވިދާޅުވި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އެތަނަށް ގޮސް ހޮޓެލުގެ ވެރިންނަށް ގުޅައި ކަރަންޓު އަލުން ފޯރުކޮށްދިނުމަށް އެހީތެރިވެދީފައިވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

"މިނިސްޓްރީގެ އެންމެ ބޮޑު އެއް އިސްކަމެއް ދެނީ ރާއްޖޭން ބޭރުގައި ތިބޭ ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން މިއަދު ޓްރިވެންޑްރަމްގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާ ހިނގުމުންވެސް ދިވެހި ކޮންސިއުލޭޓްގެ ބޭފުޅުން އެތަނަށް ވަޑައިގެން ބަލިމީޙުން ހާލު ބައްލަވާ. ހޮޓެލަށް ކަރަންޓު ގެނައުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައި." މިއުވާން ވިދާޅުވި އެވެ.

comment ކޮމެންޓް