އޫތަރެކްޓް (މާޗް 18): ނެދަލޭންޑްސްގެ އޫތަރެކްޓްގައި ދަތުރު ކުރަމުން ދިޔަ ރޭލެއް ތެރޭ މީހަކު ބަޑި ޖެހުމުގެ ސަބަބުން އެކަކު މަރުވެ، ބައެއް މީހުންނަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ނެދަލޭންޑްސްގެ ފުލުހުން ވަނީ އެހާދިސާ ހިނގީ މިއަދު ހެނދުނު އެގައުމުގެ ގަޑިން 10:45ގައި ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ހަމަލާ ދިން މީހާ ވަނީ ފިލާފަ އެވެ. އަދި ފުލުހުން މިހާރު ދަނީ ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެހަމަލާގައި މަރުވި މީހާ އާއި އަނިޔާވި މީހުންގެ ތަފްސީލު އަދި ހާމަކޮށްފައި ނުވެ އެވެ. އެގައުމުގެ ނޫހެއްގައިވާ ގޮތުން އެހަމަލާގައި ތިން މީހަކަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ.
އެހާދިސާ ހިނގި ސަރަހައްދު މިހާރު ބަންދު ކުރުމަށް ފަހު، އެމާޖެންސީ ސާވިސަސް އާއި މެޑިކަލް ހެލިކަޕްޓަރުތައް އެތަނުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ނެދަލޭންޑްގެ މީޑިއާތަކުން ބުންޏެވެ.