ސްޕެޝިއަލް އޮލިމްޕިކްސްގެ ދުވުމުން، ވަސްމީ ރިހި މެޑަލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ 200 މީޓަރު ދުވުމުން، ވަސްމީ ވަހީދުއަށް ރިހި މެޑަލް ހަވާލު ކުރަނީ --- ފޮޓޯ / ޔޫތް މިނިސްޓަރީ

މިހާރު ދުބާއީގެ އަބޫ ދާބީގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ 200 މީޓަރު ދުވުމުން، ވަސްމީ ވަހީދު ރިހި މެޑަލް ހޯދި އިރު އެ ރޭހުގެ ފަސް ވަނަ އަލީ އަމީން އަބްދުލް ގަފޫރް ހޯދައިފި އެވެ.

ވަސްމީ ރިހި މެޑަލް ހޯދީ، ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލުގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށްގެން 27.25 ސިކުންތުން އެ ރޭސް ނިންމައިގެންނެވެ. އެ ހީޓުގެ އެއްވަނައަށް ދިއައީ ކޭޕް ވޭޑޭގެ އެންޓިއޯ މޮރޭރާ ޑޮސް ސަންޓޯސް އެވެ. އޭނާ އެ ހީޓް ނިންމާފައި ވަނީ 26.31 ސިކުންތުންނެވެ. އަދި މި ރޭހުން ފަސްވަނަ ހޯދި ރާއްޖޭގެ އަލީ އަމީން ރޭސް ނިންމާފައި ވަނީ 34.73 ސިކުންތުންނެވެ.

ސްޕެޝިއަލް އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ފިރިހެން ދެ އެތްލީޓުންނާއި އެސިސްޓެންޓް ހެޑް އޮފް ޑެލިގޭޝަން --- ފޮޓޯ/ ޔޫތް މިނިސްޓަރީ

މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7500 އަށް ވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވެ އެވެ. މި އިވެންޓުގައި ރާއްޖެއިން ހަތަރު އެތްލީޓުން ވާދަ ކުރެ އެވެ.

އެ ގޭމްސްގައި ރާއްޖެ އިން ވާދަކުރާ އެތްލެޓިކްސްގެ އިތުރުން ޔުނިފައިޑް ބެޑްމިންޓަންގަ އެވެ. އެތްލެޓިކްސްގައި ރާއްޖެ އިން ވާދަކުރާނީ ފިރިހެން ކެޓަގަރީގައި 100 މީޓަރުގެ އިތުރުން 200 މީޓަރު ދުވުމުގަ އެވެ. އަދި އަންހެން ކެޓަގަރީ އިން 100 މީޓަރު ދުވުމުގަ އެވެ.

އެގޮތުން އަންހެނުންގެ ކެޓަގަރީގެ ފައިނަލުގައި މިއަދު ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ ނޫރާ ރަޝާދުއާއި ޝިފްނާ އިބްރާހިމް ވާދަ ކުރާނެ އެވެ.

ކުރިން ލޯންގް ޖަމްޕުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ދިމާވި މައްސަލައަކާއި ގުޅިގެން ލޯންގް ޖަމްޕުގައި ބައިވެރި ނުވާން ރާއްޖެގެ ސްޕެޝިއަލް އޮލިމްޕިކްސް އިން ވަނީ ނިންމާފަ އެެވެ.

ރާއްޖެ އިން ބައިވެރިވާ ސްޕެޝިއަލް އޮލިމްޕިކްސް އެތްލީތުންގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަބްދުﷲ މަސްއޫދު "ސަން" އަށް ދިން އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ އިއްޔެ ލިބުނު ކާމިޔާބީގެ ސަބަބުން ހުރިހާ އެތްލީޓުން ވެސް ތިބީ ވަރަށް އުފާވެފައި ކަމަށާއި މިއީ ފަޙުރުވެރި ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑު މިހުރީ ވަރަށް އުފަލުން މިފަދަ ބޮޑު ކާމިޔާބީއެއް ގައުމަށް ހޯދައިދިނުމުގައި އެހީތެރިވެވުނީތީވެ. މިއީ އަބަދު ވެސް ދެކެމުން އައި ހުވަފެނެއް މި ކުދިންނަށް ބައިނަލް އަގުވާމީ ފެންވަރުގައި ކާމިިޔާބީ އެއް ހޯދައިދިނުމަކީ،"

މީގެ އިތުރުން ދުބާއީ އަކީ ހޫނު ގަދަ ގައުމެއް ނަމަވެސް މިދުވަސްވަރު އެހާ ހޫނު ނޫން ކަމަށާއި ފިނިހޫނު މިން މެދުވަރެއްގައި ހުރުމުން މޫސުމުގެ އަސަރު އެތްލީޓުންނަށް ނުކުރާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ އެންމެންނަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ފުރުސަތުތައް ދޭން ޖެހޭ. ކުޅިވަރުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާ ތަކުންވެސް އެ ކުދިންނަށް ކަންކަން ފަހިކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން އިއްޔެ އެވަނީ ސާބުތި ކޮށްދީފަ." މަސްއޫދު ވިދާޅުވި އެވެ.

comment ކޮމެންޓް