ފައިނަލުގައި ހިރިޔާ އަދި އިމަދުއްދީނުގެ ކުރިމަތިލުމެއް

އިމާދުއްދީން ސްކޫލުގެ 15 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން --- ފޮޓޯ/ އިމާދުއްދީން ސްކޫލް

މިހާރު ކުރިއަށްދާ "މަމެން" އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ ފައިނަލަށް ހިރިޔާ ސްކޫލާއި އިމާދުއްދީން ސްކޫލް ދަތުރުކޮށްފިއެވެ.

ޖުމްލަ 16 ސުކޫލެއްގެ ބައިވެރިވުމާއެކު ހަތަރު ގްރޫޕަކަށް ބަހާލައިގެން ފެށި މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އިއްޔެ ކުޅުނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިމާދުއްދީނާއި ގާޒީ ސްކޫލް ބައްދަލުކުރި މެޗު އެއްވަރުވުމުން ޕެނަލްޓީއިން ކުރި ހޯދައި، އިމާދުއްދީން ފައިނަލަށް ދަތުރުކުރި އިރު ރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެހެންދި ސްކޫލް ބަލިކޮށް ހިރިޔާ ސްކޫލް ފައިނަލަށް ދަތުރު ކުރީ 1-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ހުނަރު ފެނިގެން ގޮސްފައިވާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅެވިގެން ދިޔަ އިރު ސްކޫލުތަކުގެ ވާދަވެރިކަމާއި ކުޅިވަރުގެ ރޫހު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.

ގްރޫޕުގެ ދެވަނައިގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށް ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން މަޖީދިއްޔާ ބަލިކޮށް އިމާދުއްދީން ސެމީއަށް އައި އިރު ގާޒީ ސްކޫލް ސެމީއަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނު އިމާދުއްދީން ސްކޫލާއި ގާޒީ ސްކޫލް ބައްދަލު ކުރި ފޯރިގަދަ މެޗުގައި ފުރަތަަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އިމާދުއްދީން ސްކޫލެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ގާޒީ ސްކޫލުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި އިރު އިމާދުއްދީން ސްކޫލުން ޕެނަލްޓީ ކާމިޔާބު ކުރީ 5-4ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ހިރިޔާ ސްކޫލްއާއި ރެހެންދި ސްކޫލް ބައްދަލުކުރި ވާދަވެރި މެޗު ނިމިގެން ދިޔައީ ހިރިޔާ ސްކޫލު ކުރި ހޯދައިގެންނެވެ.

މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ހިރިޔާ ސްކޫލުންނެވެ. ނަމަވެސް ރެހެންދި ސްކޫލުން ވަނީ ރައްދުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ދިއައީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމަކަށްފަހުއެވެ.

ހިރިޔާ ސްކޫލުން ދެވަނަ ހާފު ފެށީ ޓީމު ކުރިއަށް ޖައްސައިގެން ވަރުގަދައަށް އެޓޭކް ކުރަމުންނެވެ. އެގޮތުގައި މާ ގިނަ އިރުތަކެއް ނުވަނީސް ރެހެންދި ސްކޫލުގެ ޑިފެންޑަރުންގެ ފަރާތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ހިރިޔާ ސްކޫލުން ވަނީ އަނބުރާ ލީޑު ނަގާފައެވެ.

މެޗު ޔަގީން ކުރުމުގެ ގޮތުން މެޗު ނިމެންދަނިކޮށް ހިރިޔާ ސްކޫލްގެ އައިހަމް ހަމްދޫން ވަނީ ގޯލެއް ޖަހައި، ވާދަވެރި ރެހެންދި ސްކޫލުން ފައިނަލަށް ދާން އޮތް މަގު ބަންދުކޮށްލާފައެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމެޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ މެޗު ފަށާނީ އެރޭ 08:30 ގައި ރާއްޖޭގެ ރަސްމީ ސްޓޭޑިއަމް (ގަލޮޅު ދަނޑު)ގައެވެ.

comment ކޮމެންޓް