މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލްތަކަށް ބަދަލުކޮށްފި

އިސްލާމީ މަރުކަޒު-- ސަން ފޮޓޯ

މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލުތަކުގެ ދަށަށް ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލްތަކާ ހަވާލުކުރުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

މިސްކިތްތައް ފޮޅާސާފުކުރުމާއި މަރާމާތުކުރުމާއި މިސްކިތްތަކުގެ މުވައްޒަފުން (ދާއިމީ ވޭޖު ޕޫލް) ބެލެހެއްޓުމުގެ ހުރިހާ މަސައްކަތްތަކާއި މުވައްޒަފުންގެ ހާޒިރީ އާއި މުސާރަ އެލަވަންސް އަދި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކައުންސިލް އިދާރާތަކުން ކުރުމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީ އިން ބުނީ މުވައްޒަފުންގެ މުސާރަ އެލަވަންސް އަދި އިނާޔަތްތައް މި މަހުގެ ނިޔަލަށް ދޭނެ ކަމަށާއި މުވައްޒަފުންނާއި ބަޖެޓު ކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

މާލޭގެ މިސްކިތްތަކާއި ގަބުރުސްތާނާއި މޯޗަރީތައް ބެލެހެއްޓުން ވެސް މާލެ ސިޓީ ކައުންސިލާ ވަނީ މީގެ ކުރިން ހަވާލުކޮށްފަ އެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެ ދިޔަ ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

comment ކޮމެންޓް