ކުރިން އޮނަރަބަލް އަދި މިހާރު ސޭޓު، މިއީ ގޯހެއް: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ) އަދި އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ) -- ފޮޓޯ/ ޖޭޕީ

ބޭނުންޖެހޭ ވަގުތު ޕާޓީތަކުގެ ލީޑަރުންނަށް ހުޝާމަދުކޮށްފައި، އަދި ބޭނުން ކެނޑުމުން އެއްލާލާ އެއްލާލުން ނައްތާލަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"ބޭނުންވީމާ ހުޝާމަދުކޮށްފައި ބޭނުން ނެތުނީމައި އެއްލާލާ އެއްލާލުން އަޅުގަނޑުމެން ނައްތާލަން ޖެހޭ،"

"ސެޕްޓޭމްބަރު 23ގެ ކުރިން އެ ވޯޓާ ޖެހެންދެން އޮނަރަބަލް ގާސިމް އިބްރާހިމަކަށް. އެ ދުވަސް ނިމުނީމައި 'ސޭޓު ނޫން ގޮތެއް' ހޯދަން. އެ ގޯސް. އެ އަޅުގަނޑުމެން ބަލައެއް ނުގަންނަން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބޭނުން ޖެހުނީމާ ޕާޓީތަކުގެ ލީޑަރުން ރަނގަޅު ބަޔަކަށް ހަދާފައި ބޭނުން ނެތުނީމާ ގޯސް ބަޔަކަށް ހަދާހާ ހިނދަކު ރާއްޖޭގެ ކަންކަން ރަނގަޅު މަގަށް ބަދަލެއް ނުވާނެ ކަމަށެވެ.

ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީ ކެންޑިޑޭޓު އަބްދުﷲ ރިޔާޒްގެ ކެމްޕޭން ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ/ މުހައްމަދު ޝަރުހާން

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ، ހިޔާލު ތަފާތުވާ ބައެއްކަން މިއީ. ޖުމްހޫރީ ޕާޓީގެ މެމްބަރުން ގާސިމް އިބްރާހިމް ދެކެ ވަރަށް ލޯބިވާނެ. އެމްޑީޕީގެ މެމްބަރުންވެސް ރައީސް ނަޝީދު ދެކެ ވަރަށް ލޯބިވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ސިޔާސީ އެދުމެއް ފުއްދުމަށްޓަކައި ޖުމްހޫރީ ޕާޓީއަށް ކުއްލިއަކަށް ރައީސް ނަޝީދު ލާދީނީ މީހަކަށް ވެފައި، އަނެއް ދުވަހު ހީރޯއަކަށް ވެފައި، އެންޑީޕީގެ މެމްބަރުންނަށް އޮނަރަބަލް ގާސިމް އިބްރާހިމަކަށް ވެފައި އަނެއް ދުވަހު ސޭޓަކަށްވާ ވުން ނިންމާލަން ޖެހޭ. އެކަން ދުވާލަކު ގޮތަކަށް ދަންޏާމުން ދުވާލަކު މި ދިވެހި ރާއްޖެ ބަދަލެއް ނުވާނެ،"

އޭނާ އެހެން ވިދާޅުވެފައިވާ އިރު، ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ހިންގާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ މަގުމަތިކޮށް އެއްލާލީ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ހޯދުމުގެ މަސައްކަތަށް ގާސިމް ބޭނުންކޮށްފައި އެ ބޭނުން ފުދުނީމަ އޭނާ އެކަހެރިކޮށްލާ ކަމަށް ޖޭޕީއާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

ރޭ އަލީ ވަހީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރަށް ސިމްޕަލް މެޖޯރިޓީއެއް ދެއްވައިގެން ވިޔަސް ގައުމަށް ހަމަޖެހޭ ފަސް އަހަރު ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި އޭނާ ވަނީ ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

"މިއަދު ރާއްޖޭގައި މާ ވަރުގަދަ އިދިކޮޅު ހަރަކާތެއް ނެތީތީ އަޅުގަނޑުމެން އަމިއްލައަށް އޮޑީގައި ތިބެން އެއްބަޔަކު އަނެއް ބަޔަކާ ތަޅާފައި މި ހަލާކުކޮށްލުމުގެ އެއްވެސް މާނައެއް ނެތޭ،"

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ)، ރައީސް އިބްރަހިމް މުހައްމަދު ސޯލިހު (މ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ) -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމާ މެދު ހިތްހަމަނުޖެހިވަޑައިގެން ރޭ އޭނާ ވާހަކަފުޅު ދެއްކެވިއެވެ.

"މަކުނުދޫ ދާއިރާގައި އެހެރީ އެކަނިމާއެކަނި ހުރި އަނާރާ ނައީމް. މި މީހުންނާ ކުރިމައްޗަށް އަރައި މި މީހުން ދުއްވާލާކަށް ނުދެވޭނެ. އަނާރާ ނައީމްގެ ދާއިރާގައިވެސް ޖުމްހޫރީ ޕާޓީގެ ތާއީދު އޮތީ އެހެން މީހަކަށް. އެއާ އަޅުގަނޑު ދެކޮޅު،"

އަލީ ވަހީދު ވިދާޅުވީ، އޭނާއަށް ޕާޓީ އަންނާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުވަޔަށް ފަހު ކަމަށެވެ.

އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ ސްލޮޓުގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް އެ ޕާޓީން ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ތާއީދުކުރަން ނިންމި ނިންމަށް ވަނީ ފާޑު ކިޔާފަ އެވެ. އެގޮތުން، ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

comment ކޮމެންޓް