ހަމަލާ ހުއްޓުވަން މަސައްކަތް ކުރި ޕާކިސްތާނު މީހާއަށް ގައުމީ އެވޯޑެއް ދެނީ

ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ދިން ހަމަލާގައި މަރުވި ނައީމް ރަޝީދު -- ފޮޓޯ: އޭޕީ

އިސްލާމްއާބާދު (މާޗް 18): ނިއުޒިލެންޑުގެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ ހުއްޓުވަން އުޅެނިކޮށް މަރުވި 49 އަހަރުގެ ޕާކިސްތާނުގެ މީހާއަށް އެގައުމުން ގައުމީ އެވޯޑެއް ދޭނެކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ނައީމް ރަޝީދު މަރުވީ ކްރައިސްޓްޗާޗްގެ ނޫރު މިސްކިތަށް ވަދެ މީހަކު ހަމަލާ ދޭން ފެށުމުން، އެމީހާ ހުއްޓުވަން އުޅުމުގެ ތެރޭގައެވެ. އަދި އެ ހާދިސާގައި ރަޝީދުގެ 21 އަހަރުގެ ފިރިހެން ދަރިފުޅު، ތޮލްހާ ނައީމްވެސް ވަނީ މަރުވެފައެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ދެބަފައިން ވަޅުލާނީ ކްރައިސްޓްޗާޗްގައެވެ.

"ޓެރަރިސްޓަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ޝަހީދުވި ނައީމް ރަޝީދާ މެދު ޕާކިސްތާނުން ފަހުރުވެރިވޭ އަދި އޭނާގެ ހިތްވަރުގަދަކަން ފާހަގަކުރުމަށް ގައުމީ އެވޯޑެއް ދޭނެ،" ޓުވިޓާ މެދުވެރިކޮށް ބޮޑުވަޒީރު ޚާން ވިދާޅުވިއެވެ.

ޕާކިސްތާނުގައި ތިބި ނައީމް ރަޝީދުގެ އާއިލާގެ މެމްބަރުން -- ފޮޓޯ: ރޮއިޓާސް

ރަޝީދު ނިއުޒިލެންޑަށް ބަދަލުވީ 2009 ވަނަ އަހަރެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޓީޗަރެއްގެ ގޮތުގައެވެ. އަދި އޭނާގެ ދަރިފުޅު ތޮލްހާ ވަނީ ދާދި ފަހުން އިންޖިނިއަރިން ޑިގްރީއެއް ހާސިލުކޮށްފައެވެ.

ރަޝީދުގެ އަންހެނުން، އަމްބަރީން އަލަމް ވަނީ އޭނާގެ ފިރިމީހާ ދިޔައީ އެންމެ ފަހު ވަގުތުވެސް މީހުންނަށް އެހީވަމުން ކަމަށް ބުނެފައެވެ.

"އެއީ އެމީހުން އަބަދުވެސް ދިޔަ މިސްކިތް. އަހަންނަކަށް އަދިވެސް ނުވިސްނޭ އެކަން ހިނގީ ކިހިނެއް އަދި ކީއްވެގެންކަމެއް. ނަމަވެސް އަހަންނަށް އެނގޭ އަހަރެންގެ ފިރިމީހާއަކީ ހީރޯއެއްކަން. އޭނާ އަބަދުވެސް މީހުންނަށް އެހީތެރިވެދޭނެ އަދި އެންމެ ފަހު ވަގުތުވެސް އެހެން މީހުންނަށް އެހީވުމަށް ކުރެވެން އޮތް ކަމެއް ކުރި،" އަލަމް ބުންޏެވެ.

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި މަރުވި 50 މީހުންގެ ތެރޭގައި ޕާކިސްތާނުގެ ނުވަ މީހުން ހިމެނެއެވެ. އަދި މެލޭޝިއާ، ބަންގްލަދޭޝް، އިންޑޮނޭޝިއާ އަދި އަފްގާނިސްތާންގެ މީހުންވެސް ހިމެނެއެވެ.

އެ ހަމަލާއާ ގުޅިގެން އެކަކުގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށް، މުއްދަތު ޖަހާފައެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހު ފަހެއްގައެވެ.

comment ކޮމެންޓް