މަޖިލިސް އިންތިހާބުގައި ވާދަނުކުރަން ޒާހިދު ނިންމައިފި

މަޖިލިސް އިންތިހާބްގައި ވާދަކުރުމަށް މީގެ ކުރިން އިލެކްޝަނަށް ޒާހިދު ފޯމް ހުށަހަޅުއްވަނީ: އިންތިހާބްގައި ވާދަ ނުކުރުމަށް އޭނާ ވަނީ މިހާރު ނިންމާފައި ---

ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލުމަށް ފޯމް ހުށަހެޅި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު، އިންތިހާބްގައި ވާދަނުކުރަން ނިންމައިފި އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބްގައި ވާދަ ނުކުރަން ނިންމާފައިވާ ކަން ޒާހިދު ހާމަކޮށްފައި ވަނީ އޭނާގެ އޮފިޝަލް ކެމްޕެއިން ޕޭޖުގަ އެވެ. އަދި އޭނާގެ ފޭސްބުކް އެކައުންޓުން ވެސް ވަނީ އެ ޕޯސްޓް ޝެއާ ކޮށްފަ އެވެ.

ޒާހިދު ބުނީ މަޖިލިސް އިންތިހާބްގައި އޭނާ ވާދަނުކުރި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލާ އެހެން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ނުނިންމާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކައިގެން ނަން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަން ބޭނުންކޮށްގެން ބަޔަކު ޕީޕީއެމް އާއި ޕީއެންސީގެ ކޮންޓްރޯލް ނަގައި ޕާޓީ "ހައިޖެކް"ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ޒާހިދު ވަނީ ދާދި ފަހުން އެ ޕާޓީ އިން ވަކިވެފަ އެވެ.

https://sun.mv/116483

ޒާހިދުއަކީ މީގެ ކުރިން ހިތަދޫ މެދު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ވެސް ދީފައިވާ ފަރާތެކެވެ. ނަމަވެސް ފަހުން އެ ޕާޓީން ވަނީ އެ ދާއިރާގެ ޓިކެޓު އަތުލައި، އަދި ޖުމްހޫރީ ޕާޓީން އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފަ އެވެ.

މަޖިލިސް އިންތިހާބްގައި ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތަރުތީބު ކޮށްފަ އެވެ. ނަން ތަރުތީބް ކުރި ފަހުން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ކުރިމަތިލި އަލީ އަހްމަދު އެކަންޏެވެ.
comment ކޮމެންޓް