އަދާލަތު ޕާޓީއާއި އެމްޑީޕީ އެކުގައި ތިއްބާ ވެރިކަން ގުޑުވައެއް ނުލެވޭނެ: ނަޝީދު

އެމްޑީޕީގެ ޓިކެޓްގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއަށް ނަޝީދު އާއި އިމްރާން ވަޑައިގަންނަވަނީ --- ފޮޓޯ: އެމްޑީޕީ

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އެކުގައި ތިއްބާ ވެރިކަން ގުޑުވާ ނުލެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލް ގައި ބޭއްވި ފަރެސް މާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ސިޔާސަތު ތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއާ އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ދިގު މުއްދަތުގައި އަދާލަތު ޕާޓީއާ އެކު މަސައްކަތް ކުރުމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

"އަދާލަތު ޕާޓީއާ އެމްޑީޕީ އެކުގައި ތިއްބާ ދެނެއް ނެތް މި ދިވެހިރާއްޖޭގައި އިރާދަކުރެއްވިއްޔާ އެހެން ސިޔާސީ ބައެއް އަޅުގަނޑުމެންގެ ސަފުތައް ފޫއަޅުވާލެވޭނެ މި ދިވެހިރާއްޖޭގެ ވެރިކަން ގުޑުވާލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓްގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ނަޝީދު އާއި އިމްރާން --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީ އަކީ އިގްތިސޯދީ އަދި އިޖުތިމާއި ގޮތުން ކުޅަދާނަ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީގެ ދީނީ ސިޔާސަތުތަކުން އެމްޑީޕީ ފިލާވަޅު ނަގަން ޖެހޭ ކަމަށެވެ.

"އެހްނެވީމާ އަޅުގަނޑުމެން ދެ ޕާޓީ އެކުވީމާ ދިވެހީން ބޭނުންވާ ފުރިހަމަ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ދިވެހީންނަށް ލިބޭނެ މިރޭ އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުމަކީ ދިވެހީންނަށް ފުރިހަމަ ދިވެހިރާއްޖެއެއް ހުށަހެޅުމުގެ އުފާވެރިކަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ކުރިއަށް އޮތް މަޖިލީހުގެ ކެމްޕެއިނަށް ލޯންޗު ކޮށްފައިވާ އެޖެންޑާ 19 'މެނިފެސްޓޯ' ގެ ތެރޭގައި އަދާލަތު ޕާޓީގެ ހުށަހެޅުންތައް ހިމެނިފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ބައިވެރިއެއްގެ ގޮތުގައި ކޮންމެހެން ވެސް އަދާލަތު ޕާޓީ އޮންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަންނަ މަހު ހައެއްގައި އޮންނަ މަޖިލިސް އިންތިހާބަށް ފަހު 19 ވަނަ މަޖިލީހުގައި އަދާލަތު ޕާޓީއާ އެކު މަސައްކަތް ކުރެވޭނެ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި މިހާރު ވެސް ދެ ޕާޓީގެ ލީޑާޝިޕުން އެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް