އަޅުގަނޑުމެންނަށް ޕާޓީ އަންނާނީ ރައްޔިތުންނަށް ވި ވައުދަށް ފަހު: އަލީ ވަހީދު

ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީ ކެންޑިޑޭޓު އަބްދުﷲ ރިޔާޒްގެ ކެމްޕޭން ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ/ މުހައްމަދު ޝަރުހާން

ސިޔާސީ ޕާޓީ އަންނާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުވަޔަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާއަށް ވާދަ ކުރައްވާ އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒްގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާ ހުންނެވީ ޕާޓީގެ ސްޓޭންޑަކާ ހިލާފުވެވަޑައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީއަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމާ މެދު ހިތްހަމަނުޖެހިވަޑައިގެން މީގެ ކުރިން އަލީ ވަހީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި މިރޭވެސް އޭނާ ވަނީ އެކަން ތަކުރާރު ކުރައްވައިފަ އެވެ.

"މަކުނަދޫ ދާއިރާގައި އެހެރީ އެކަނިމާ އެކަނި ހުރި އަނާރާ ނައީމް. މި މީހުންނާ ކުރިމައްޗަށް އަރައި މި މީހުން ދުއްވާލާކަށް ނުދެވޭނެ. އަނާރާ ނައީމްގެ ދާއިރާގައި ވެސް ޖުމްހޫރީ ޕާޓީގެ ތާއީދު އޮތީ އެހެން މީހަކަށް. އެއާ އަޅުގަނޑު ދެކޮޅު،"

އަލީ ވަހީދު ވިދާޅުވީ، އެެހެން ވިދާޅުވެގެން ޖުމްހޫރީ ޕާޓީގެ ތެރެއިން އޭނާއާ މެދު ފިޔަވަޅެއް އެޅިޔަސް އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.

އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ ސްލޮޓުގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް އެ ޕާޓީން ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ތާއީދު ކުރަން ނިންމި ނިންމަށް ވަނީ ފާޑު ކިޔާފަ އެވެ. އެކަމާ ގުޅިގެން މިރޭ އަލީ ވަހީދު ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ އިސް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ވެވަޑައިގެންނެވި ހުވާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން މިދެނީ އަޅުގަނޑު އެންމެ ފުރަތަމަ އިސް ކުރާނީ. އަޅުގަނޑުމެން މިއަދު ހުވާކޮށްގެން މިތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި. އަޅުގަނޑުމެންނަށް ޕާޓީ އަންނާނީ ހުރިހާ ރައްޔިތުންނަށް ސާވް ކުރަން ކޮށްގެން ތިބި ހުވާއަށް ފަހު،"

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން ނިންމުމުން ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

comment ކޮމެންޓް