އޭއެފްސީ ކޮލިފިކޭޝަނުގައި ވާދަކުރާނެ ޒުވާން ގައުމީ ޓީމު ފައިނަލް ކޮށްފި

ފިލިޕީންސްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުރި ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ / އެފްއޭއެމް

އޭޝިޔަން ކަޕުގެ ކޮލިފިކޭޝަންގައި ވާދަ ކުރާނެ 23 އަހަރުން ދަށުގެ ޒުވާން ފުޓްބޯޅަ ޓީމުގެ ސްކޮޑް ފައިނަލް ކޮށްފި އެވެ.

ސައުދީ އަރަބިއްޔާގައި މި މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިޔަން ކަޕުގެ ކޮލިފިކޭޝަނުގައި ވާދަކުރުމައްޓަކައި ފިލިޕީންސްގައި ޒުވާން ގައުމީ ޓީމު ވަނީ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ފަރިތަކުރުންތަކުގައި 27 ކުޅުންތެރިން ބައިވެރިވި ނަމަވެސް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ނެގި ފައިނަލް ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ.

ފިލިޕީންސްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުރި ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ / އެފްއޭއެމް

ފިލިޕީންސްގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ފައިނަލް ސްކޮޑަށް ނުހޮވުނު ކުޅުންތެރިންތަކަކީ އިސްމާއިލް ހަމްދޫން، ޒަޔާން ނަސީރު އަދި އިބްރާހިމް އިސްމާއިލްގެ އިތުރުން ޓްރެއިނިން ކޭމަޕަށް ހާއްސަ ފުރުސަތެއްގައި ދިޔަ ކީޕަރު ލަބާން ޝަރީފެވެ.

ގްރީން ސްޓްރީޓްއަށް ކުޅެމުން އަންނަ ލަބާން ޓްރެއިނިންގް ކޭމްޕަށް ގެންދިޔައީ ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ތަމްރީންތަކެއް ހޯދުމުގެ އިތުރުން އޭނައާ ދޭތެރޭ މިހާރުގެ ގައުމީ ޓީމުގެ ކޯޗު ސެގާޓް ކުރަމުން އަންނަ އުންމީދެއްގެ ސަބަބުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމުގައި ލަބާންއަށް ފުރުސަތު ދޭނެ ކަމުގެ ފެހި ސިގްނަލް ސެގާޓް ވަނީ ދީފަ އެވެ.

ފިލިޕީންސްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުން އެކުވެރި ކަމުގެ މެޗުތަކުން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ޓީމު ތަކާ އެކު މެޗު ކުޅުނު އިރު ޒުވާން ގައުމީ ޓީމުން ވަނީ އެއް މެޗުން އެއްވަރުވެ އަނެއް ދެ މެޗުން ފަސޭހަ ކަމާ އެކު މޮޅުވެފަ އެވެ.

މި ޓްރެެއިނިންގެ ކޭމްޕްގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ފެންވަރު އިތުރުވެގެން ހިނގައްޖެ ކަމަށާއި ކޮލިފިކޭޝަނުގައި ބޮޑެތި ގައުމުތަކާއި ވާދަ ކުރަން ޖެހުނު ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޒުވާން ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ވަނީ ބުނެފައެވެ.

ފައިނަލް ސްކޮޑުގައި ހިމެނުނު 23 ކުޅުންތެރިން ކޮލިފިކޭޝަނުގައި ވާދަކުރުމަށް ސައުދީ އަރަބިއްޔާއަށް ދާން ހަމަޖެހިފައި ވަނީ މާދަމާ އެވެ. އަދި ފައިނަލް ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިން މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ގައުމީ ޓީމުން ވަނީ ބުނެފަ އެވެ.

ޒުވާން ގައުމީ ޓީމުގެ ފައިނަލް ސްކޮޑު:

  • އަބްދުﷲ ޔާމީން (ޔާން)
  • ނަޝާހު އަހްމަދު (ނައްޓު)
  • އިބްރާހިމް އައިސަމް
  • އަލީ ހަމްދާން
  • އަލީ ޝަމާލް އަބްދުﷲ
  • އަލީ ސޮލާހް
  • އައްޒާމް އަބްދުﷲ (އެޑޫ)
  • މުހައްމަދު ފަރުހާން (ފަރުއްކޮ)
  • ހައިޝަމް ހަސަން، ހަސަން ނަޒީމް (ޗޯޓު)
  • ހުސައިން ޝަރީފް (ހުސެން)
  • އިބްރާހިމް އަތީގް ހަސަން (އިއްބެ)
  • މުހައްމަދު ޖައިލަމް (އޮގީ)
  • މުހައްމަދު ޝަހާއު
  • ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
  • ރިހާމް އަބްދުލް ޣަނީ (ބޮބީ)
  • ޝައިފްﷲ އިބްރާހިމް
  • މަޖުދާން ސޯލިހް
  • ހަސަން ރާއިފް އަހްމަދު (ހަންނަ)
  • މުހައްމަދު ސާދު ނިޒާރު
  • މުހައްމަދު ނިޔާޒު
  • މުހައްމަދު ސިނާހް
  • އަލީ ނާޖިހު
comment ކޮމެންޓް