އިންޑޮނޭޝިއާގައި ކިސަޑު ފޭބުމުގެ ސަބަބުން 50 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ޕަޕުއާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ކިސަޑު ފޭބުމުގެ ސަބަބުން 50 މީހުން ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

ޖަކާޓާ (މާޗް 19): އިންޑޮނޭޝިއާގެ ޕަޕުއާ ޕްރޮވިންސުގައި ކިސަޑު ފޭބުމުގެ ސަބަބުން 50 މީހުން މަރުވެ، 59 މީހުންނަށް އަނިޔާވެއްޖެ އެވެ.

ޕަޕުއާގެ ޖަޔަޕޫރާ ޑިސްޓުރިކްޓުގައި އެހާދިސާތައް ހިނގީ ބޯކޮށް ވާރޭ ވެހި، އިއްޔެ ފެންބޮޑުވުމުގެ ސަބަބުންނާއި ކޯރެއް ބަންޑުންވުމުގެ ސަބަބުންނެވެ. އަދި ކިސަޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ފެނާއި ކިސަޑު ވަދެ، މަގުތަކާއި ބުރިޖުތައް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާނު ސުޓޮޕޯ ޕުރުވޯ ނުގުރޮހޯ ވިދާޅުވި އެވެ.

ނުގުރޮހޯ ވިދާޅުވި ގޮތުގައި އެހާދިސާގައި މަރުވި 50 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަަރުވާ ދެމުންނެވެ. ޕަޕުއާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް މުހައްމަދު އައިދީ ވިދާޅުވި ގޮތުގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ 4،000އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އެހާދިސާތަކާ ގުޅިގެން ޕަޕުއާ ޕްރޮވިންސުން ވަނީ ދެ ހަފްތާއަށް ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރުމުން މައި ސަރުކާރުން އެހީ ލިބޭނެ އެވެ.

comment ކޮމެންޓް