ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އޭދަފުށީގައި ހުޅުވައިފި

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އޭދަފުށީގައި މިއަދު ހުޅުވައިފިއެވެ.

މިއީ ބ. އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ހެދި ދަނޑެކެވެ.

މިއީ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފު އަޅައިގެން ހަދައިފައިވާ ދަނޑެކެވެ. އެ ކުންފުންޏަކީ ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެއްވެސް މެއެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

އެ ދަނޑު ހުޅުވުމަށް މިއަދު މެންދުރު އޭދަފުށީގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެލެއްވިއެވެ. އަދި އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ކުރީގެ އަދި މިހާރުގެ މަޝްހޫރު ފުޓްބޯޅާ ކުޅުންތެރިން ބައިވެރިވެލެއްވިއެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭދަފުށީގައި މިއަދު ހުޅުވިގެން ދިޔަ ދަނޑަކީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ފެންވަރު ރަނގަޅު ދަނޑުކަމަށާއި އަދި އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް މިސާލެއް ކަމަށެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ރާއްޖޭގެެ ފުޓްބޯޅައިގެ ދާއިރާގައި އޭދަފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފައްދައިފައިވާކަން އަލީ ވަހީދު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ސަރުކާރުން އެރަށަށް އެފަދަ މޮޅު ދަނޑެެއް އަޅައި ނުދީ އުޅެނިކޮށް އޭދަފުށީގެ އަމިއްލަ ފަރާތަަކުން އެކަން ކުރުމުން އެކަން ފާހަގަކުރައްވައި އަލީ ވަހީދު ވަނީ ނަޒީރަށް ޝުކުރުވެސް އަދާކުރައްވައިފައެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ވަނީ ހާއްސަ މެޗެއްވެސް ކުޅެފައެވެ. އެ މެޗްގައި ބައްދަލުކުރީ ކްލަބް އޭދަފުއްޓާ އެފްއޭއެމްއިން އެކުލަވާލި ޓީމެކެވެ. އޭދަފުށީގެ ޓީމްގައި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) ގައުމީ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބް އިޝާން އިބްރާހިމް (ސައްޓު)ގެ އިތުރުން އަދި ގައުމީ ޓީމަށް ކުޅޭ ޝާފިއު އަހުމަދު (ޝާފީ) ވަނީ ކުޅެފައެވެ. މިއީ ހުސްވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އަދި އެފްއޭއެމްއިން އެކުލަވާލި ޓީމްގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި ޔަސްފާދު ހަބީބު (މުލަކޭ)، އިބްރާހިމް ވަހީދު (އިއްބެ)ގެ އިތުރުން އަސްހަދު އަލީ (އަޑުބަރޭ) ވަނީ ކުޅެފައެވެ. އެ މެޗް 2-6 ކާމިޔާބްކުރީ އެފްއޭއެމްގެ ޓީމެވެ.

comment ކޮމެންޓް