ރައްޔިތުންނަށް އަނިޔާ ދިން މީހުންނަށް މާފުކުރުމެއް ނެތް: ފައިސަލް

ފޮނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމް ---

އިސްލާހާ ދެކޮޅަށް މަސައްކަތްކޮށް ރައްޔިތުންނަށް އަނިޔާކޮށް ރައްޔިތުންނަށް އުނދަގޫކޮށް ހައްގުތައް ގެއްލުވާލި މީހުންނަށް މާފު ކުރުމެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް އެހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރަން ނިންމައި އެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލު މޫސާ ސިރާޖުގެ ފޮނަދޫ ކެމްޕެއިން ޖަގަހަ ހުއްޅުއްވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު ރައްޔިތުންނަށް އަނިޔާ ދިން މީހުންނަށް މާފު ކުރުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި އަދި އެ ފައިސާގައި ޖެހުނު މީހަކަށް ސަރުކާރުގެ ތާއީދުވެސް ނޯންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް. ހަމަޖެހިލައިގެން ރައްޔިތުންނަށް އިސްކޮޅަށް ތެދުވެ ތިބެ ދިރިއުޅެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމުގެ މަސައްކަތް. މިކަމަށް ހުރަސްއަޅާ އެއްވެސް ބަޔަކަށް އަޅުގަނޑުމެންގެ ތާއީދެއް ނެތް." ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާއިން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ސިރާޖު ކަމަށް ފައިސަލް އިއުލާނު ކުރެއްވި އެވެ. އަދި ފޮނަދޫ ދާއިރާއަށް ގާބިލް ކެންޑިޑޭޓަކީ ސިރާޖު ކަމަށްވެސް ވިދާޅުވި އެވެ. ފައިސަލް އެހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީން ފޮނަދޫ ދާއިރާއަށް ފާތިމަތު ޒައިމާ ވާދަ ކުރައްވަ އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމް ---

"މިއަދުގެ ޅަދަރީންނަށް މައިންނާއެކު ގޭ ސިޓިންގް ރޫމުގައި ތިބެ ޓީވީން މަޖިލިސް ބަލާއިރު ޓީވީ ނިއްވާލަން ނުޖެހޭ ފަދަ މެމްބަރުންތަކެއް ހޮވަންޖެހޭ. މޫސާ ސިރާޖަށް ބަލައިފި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަރަށް އަޚުލާގު ރަނގަޅު ބޭފުޅެއްގެ ގޮތުގައި. ތައުލީމީ ބޭފުޅެއް. ގާބިލް ބޭފުޅެއް. އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރައްވާނެކަން އަޅުގަނޑުމެންނަށް ޔަގީންވާ ބޭފުޅެއް." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް އެދިލެއްވީ ފޮނަދޫ ދާއިރާގެ ރައްޔިތުން ސިރާޖަށް ވޯޓުދީ އޭނާ ހޮވައިދިނުމަށެވެ. ފައިސަލް ވަނީ މިއަދު ފޮނަދޫގައި ސިރާޖުގެ ކެމްޕެއިނުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ފައިސަލް ވިދާޅުވީ ވެދިޔަ ކަންތައް ހަދާން ނައްތާލާފައި ނުރަނގަޅު އެއްޗެއް ރަނގަޅު އެއްޗެއް ގޮތުގައި ގަބޫލު ކުރަން މާ އަވަސް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުޅުތަކުގައިއާއި އަޅުގަނޑުމެންގެ ހަށިތަކުގައި އަދިވެސް އެ ވެން އެބަހުރި. އެއީކީ އަޅުގަނޑުމެން ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން." ފައިސަލް ވިދާޅުވި އެވެ.

އިސްލާހަށް ކުރަން ޖެހޭ މަސައްކަތަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަން ޖެހޭ މަސައްކަތެއް ނޫންކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް ކޮންމެ އަތޮޅަކަށް ނިސްބަތް ވިޔަސް އިސްލާހީ މަސައްކަތަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގަމު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޓޭޓް މުހައްމަދު ވިސާމްއަށްވެސް ފައިސަލް ވަނީ ތާއީދު ކުރައްވާފަ އެވެ. ގަމު ދާއިރާއަށްވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރެ އެވެ.

comment ކޮމެންޓް