ހުމާމް ދޫކޮށްލައި އޭނާއަށް ބަދަލު ދިނުމަށް އދ. އިން ވަނީ ގޮވާލައިފައި: ޝަހީދު

ހ. ލޮބީ ހުސައިން ހުމާމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުސެއިން ހުމާމް ވަގުތުން ދޫކޮށްލައި އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް އަންގައިފައިވާ ކަމަށް އެޖަމިއްޔާގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުުވެއްޖެއެވެ.

ޝަހީދު ވަނީ އދ. ގެ އެންގުންތަކަށް ބޯ ލަނބައި ހުމާމް ވަގުތުން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ގޮވާލައްވައިފައެވެ.

އދ. އިން ޝަހީދު އަށް ފޮނުވާފައިވާ ކަމަށް ބުނެ އޭނާ އާންމުކުރި ލިޔުމުގައި ބުނީ ހުމާމްއަށް ލިބެން ޖެހޭ ހަައްގުތައް ސަރުކާރުން ނިގުޅައިގެންފައިވާ ކަަމަށެވެ.

އެހެންކަމުން ހުމާމްއަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އޭނާއަށް ބަދަލުދިނުމަށްވެސް އެ ބަޔާނުގައި ގޮވާލާފައި ވެެއެވެ. އަދި އޭގެ އިތުރުން އަލުން ހުމްމާގެ މައްޗަށް ޝަރީއަތް ހިންގަން ގޮވާލާފައި ވާއިރު އެ ޝަރީއަތް ހިންގުމުގެ ކުރިން އޭނާއަކީ ބުއްދިި ހަމަޖެހޭ މީހެއްތޯވެސް ބެލުމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސިކުނޑީގެ މައްސަލަތައް ހުންނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ނީއްވޭނެ ކަަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރިގޮތް ހަމަސް ދުވަހުގެ ތެރޭގައި ސަރުކާރުން ބަޔާންކޮށް އދ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެމަނިކުފާނު ދިރިއުޅުއްވި ހ.ފުންވިލު ގޭގެ ސިޑިމަތިންނެވެ. އެގެ ހުންނަނީ ސްޓެލްކޯ ކައިރިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ހ. ލޮބީ، ހުސައިން ހުމާމްއާއެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ހުމާމް ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަފްރާޝީމަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ވެސް ދައުވާކުރިއެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ކޮމިޝަނެއް އެކުލަވާލައިފައިވާއިރު، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބަަލަން އެ ކޮމެޓީން މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް