މާލެއަށް އިލެކްޓްރިކް ބަސް ގެންނަން ސަޕްލަޔަރުންނާ ދަނީ ވާހަކަ ދައްކަމުން

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާްސް

މާލެއަށް މިނީބަހުގެ ހިދުމަތް ތައާރަފު ކުރުމަށް ބޭނުންވާ ބަސް ގެނައުމަށް ސަޕްލަޔަރުންނާ ވާހަކަ ދައްކަމުންދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މާލެއަށް މިނީބަހުގެ ހިދުމަތްދޭން ނިންމާފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީ އިންވެސް ވިސްނާފައި ވަނީ އިލެކްޓްރިކް ބަސް ތައާރަފު ކުރުމަށް ކަމަށާއި މިއީ އަދި މިހާތަނަށް ރާއްޖޭގައި ބޭނުން ކޮށްފައިނުވާ ބާވަތެއްގެ ބަހެއް ކަމަށެވެ.

"މީގެ އެބަހުރި އިންވެސްޓްމެންޓް ކޮސްޓުވެސް. ޗާޖު ކުރެވެނެ ނިޒާމުވެސް. މިނިސްޓްރީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި،" ޝާހު ވިދާޅުވިއެވެ.

"އިލެކްޓްރިކް ބަސްތައް ހޯދުމަށްޓަކާ ވަރަސް ގިނަ ސަޕްލަޔަރުންނާއެކު ވާނީ ކޮމިޔުނިކޭޓު ކުރެވިފައި. އެކަމެއް އަދި ފިޒިކަލީ ފަށައެއް ނުގަނެވޭ،"

ހަތަރު މަސްދުވަހުގެ ތެރޭގައި މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ފުރަތަނަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަހުގެ ހިދުމަތް ދޭ އެމްޕީއެލް އިން ދެމުންދާ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުުކުރުމަށް ނިންމާފައިވާކަންވެސް ދަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ނަމަވެސް ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލް އިން ބޮޑު ލޯނެއް ނަގައިގެން އިންވެސްޓެއް ކޮށްފައިވާކަމަށާއި އެމްޓީސީސީ އަކީ ރައްޔިތުންގެ ހިއްސާވެސް އޮންނަ ކުންފުންޏަކަށްވާއިރު، އެމްޕީއެލްގެ ލޯނާއި މުވައްޒަފުން އަދި އެސެޓް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމާމެދު ވަކި ގޮތެއް ނުނިންމާކަމަށް ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް