ދިވެހިން ދިރިއުޅޭ ކްރައިސްޓްޗާޗުގައި މިސްކިތްތަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ނިއުޒީލެންޑްގައި މިސްކިތަށް ދިން ހަމަލާގައި މީހަކު މަރުވެގެން ވެއްޓިފައި---

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ނިއުޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރައިސްޓް ޗާޗުގައި ދެ މިސްކިތަކެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައި ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލައިފިއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ދިވެއްސަކަށް ކަމެއްވިކަން އެނގިފައިނުވާ ކަމަށާއި އެހެން ނަމަވެސް އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު މީހުންތިބީ ހުކުރު ނަމާދަށް ގޮސްފައެވެ. އެތަނުން އެއް މިސްކިތުގައި އެވަގުތު 300 މީހަކު ތިބިކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.

އެ ހާދިސާ ހިނގިއުރު ބަނގުލަދޭޝްގެ ކުރިކެޓް ޓީމްގެ ކުޅުންތެރިންވެސް ތިބީ ނަމާދަށް ގޮސްފައެވެ. ނަމަވެސް އެ ޓީމުގެ މެމެބަރުން ސަލާމަތުން ވަނީ އަނބުރާ ހޮޓަލަށް ގޮސްފައެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް މަންޒަރު ދުށް މީހަކު މައުލާމާތު ދެމުން ބުނީ އަލް ނޫރު މިސްކިތަކަށް މީހަކު ކަޅުހެދުން ލައިގެން ވަތް ކަމަށާއި އެއަށްފަހު ބަޑީގެ އަޑު އިވެން ފެށުމުން މީހުން ބިރުން ދުވަން ފެށި ކަމަށެވެ.

" މުޅި ތަނުގައި އޮތީ މަރުވެފައި އޮތް މީހުން. އެކަކަމު އެމެޖެންސީ ސާވިސް އަންނަންވާއިރަށް ބަޑި ހިފައިގެން އުޅުނު މީހުން ހިނގައްޖެ." އޭނާ ބުންޏެވެ.

ނިއުޒިލެންޑްގެ ފުލުހުން ބުނީ އެ ހާދިސާގައި މިހާތަނަށް ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި މަރުވީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ. ބައެއް މީޑީއާތަކުން 27 މީހުން ކަމަށްވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަކިންޑާ އާޑަން ވިދާޅުވީ މިއީ އެގަމުގެ ތާރިޙުގައިވެސް އައި ވަރަށް ބޮޑު ކަޅު ދުވަހެއް ކަމަށެވެ.

comment ކޮމެންޓް