އާމިރުގެ ކުރިއަށް އޮތް ޕްރޮޖެކްޓް: 25 ކިލޯ ލުއި ކޮށްލުން!

އާމިރު ހާން: ކުރިއަށް އޮތް ފިލްމަށް 25 ކިލޯ ކުއިކޮށްލަން ޖެހޭ ކަމަށް އާމިރު ވަނީ ބުނެފައި --

'ތަގްސް އޮފް ހިންދުސްތާން'ގެ ނާކާމިޔާބަށް ފަހު ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާން އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަން ހާމަކޮށްފިއެވެ.

އާމިރު ދެން އެންމެ އަވަހަށް ފަށާނީ އަދްވެއިތު ޗަންދަން ޑައިރެކްޓު ކުރާ 'ލާލް ސިންގ ޗައްޑާ'ގެ މަސައްކަތެވެ. އެއީ 1994 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ހޮލީވުޑް ފިލްމު 'ފޮރެސްޓް ގަމްޕް'ގެ އެޑަޕްޓޭޝަނަކެވެ.

އެ ޕްރޮޖެކްޓު އިއުލާނުކޮށްފައި ވަނީ އޭނާގެ 54 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އިއްޔެ މީޑިއާ އާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ. މީޑިއާ އާ ވާހަކަ ދައްކަމުން އާމިރު ވަނީ ފިލްމަށް އޭނާގެ ބަރުދަން 25 ކިލޯ ލުއި ކުރަން ޖެހިފައިވާ ކަމަށާއި، އޭނާގެ ކުރިއަށް އޮތް "ޕްރޮޖެކްޓް" އަކީ އެއީ ކަމަށެވެ.

މިއީ ފިލްމަކަށް އާމިރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރެއް ނޫނެވެ. އާމިރު ވަނީ 2016 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު 'ދަންގަލް' ގައި އޭނާ ދައްކުވައިދިން މަހާވީރު ސިންގ ޕޯގަޓްގެ ރޯލަށް އޭނާގެ ބަރުދަން 97 ކިލޯއަށް އިތުރުކޮށްފައެވެ.

އަދި ފިލްމުގެ ޝޫޓިން ނިމުމުގެ ކުރިން، ފަސް މަސް ދުވަހުގެ ތެރޭގައި އާމިރު ވަނީ 30 ކިލޯ ލުއިކޮށް، އަލުން 'ފިޓް' ވެފަ އެވެ.

'ލާލް ސިންގ ޗައްޑާ' އަށް އާމިރު އެއްބަސްވެފައި ވަނީ ކުރީގެ އިންޑިއާ އެއާ ފޯސްގެ ޕައިލެޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް މަހޭޝް މަތާއީ ޑައިރެކްޓްކޮށް އުފައްދަން ނިންމައިފައިވާ ފިލްމު 'ސާރޭ ޖަހާން ސެ އައްޗާ' ދޫކޮށްލުމަށްފަހު އެވެ.

'ލާލް ސިންގ ޗައްޑާ' ރިލީޒް ކުރާނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް