ތަޖުރިބާ ހޯދުމަށް ޝަރުއީ ދާއިރާގެ ވަފުދެއް ތުރުކީގައި

ތަޖުރިބާ ހޯދުމަށް ޝަރުއީ ދާއިރާގެ ވަފުދެއް ތުރުކީގައި-- ފޮޓޯ: ޖުޑީޝިއަރީ

ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ހާއްސަ މަސައްކަތްތަކުގެ ދަށުން މިދޔަ ހޮނިހިރު ދުވަހު ޝަރުއީ ދާއިރާގެ އިސް ވަފުދެއް ތުރުކީއަށް ގޮސްފިއެވެ،

ޑިޕާޓްމަންޓް އޮފް ޖުޑީޝިއަރީން ބުނީ އެ ވަފުދު އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ގައުމުގައި މަޑުކުރާނެ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ތައުލީމާއި ތަޖުރިބާ ހޯދުމަށާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްގީކުރުމާ ބެހޭގޮތުން އެކުލަވައިލެވިފައިވާ އިންސްޓިޓިޔުޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގައި ހިމެނޭ، އެކިއެކި ގައުމުތަކުގެ ޖުޑީޝަލް އެކަޑަމީތަކަށް ޒިޔާރަތްކޮށް އެ ތަންތަނާ ގުޅުން ބަދަހިކުރުމާއި، އެ ތަންތަނާ ގުޅިގެން ކޮންޓިނިޔުޑް ޖުޑީޝަލް ލީގަލް އެޑިޔުކޭޝަނުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަމާގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހޯދުމަށްޓަކައި ކުރާ ދަތުރެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

ތަޖުރިބާ ހޯދުމަށް ޝަރުއީ ދާއިރާގެ ވަފުދެއް ތުރުކީގައި-- ފޮޓޯ: ޖުޑީޝިއަރީ

މި ދަތުރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގެ މަދަނީ އަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާކުރުމާއި، ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާގޮތް ބަލައި ދިރާސާކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި، އެ މުއައްސަސާގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

މި ދަތުރުގައި، ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި، ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އާއި، ކޯޓު އޮފް ކެސޭޝަން އާއި، ރީޖަނަލް ކޯޓު އޮފް އެޕީލް އާއި، ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓެންސްގެ އިތުރުން، އޮފީސް އޮފް ދަ ޗީފް ޕްރޮސިކިއުޓަރ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

މި ދަތުރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި، އަބްދުﷲ ދީދީއާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް