އެމްޑީޕީ މަޖިލިސް ކެމްޕެއިންނަށް އެހީގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ލިބިފައިވޭ: އެމްޑީޕީ

އެމްޕީޑީޕީ މަޖިލިސް ކެމްޕެއިން އެޖެންޑާ 19 ހިނގާލުމުގެ ތެރެއިން: އެ ޕާޓީ ކެމްޕެއިނަށް މިހާތަނަށް އެހީގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ލިބިފައިވޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް އެހީގެ ގޮތުގައި މިހާތަނަށް 4.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

މަޖިލިސް ކެމްޕެއިންއާ ގުޅޭގޮތުން އެމްޑީޕީން ކޮންމެ ދުވަހަކު އެޕާޓީގެ ކެމްޕެއިން އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަދި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ހެޔޮ އެދޭ ފަރާތްތަކުން މިހާތަނަށް އެހީގެ ގޮތުގައި ކެމްޕެއިނަށް 4.8 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަަށެވެ.

އަފްޝަން ވިދާޅުވީ، ފައިސާގެ އެހީގެ އިތުރުން ވަރަށް ގިނަ ހެޔޮއެދޭ ފަރާތްތަކުން ފޮއްޗާއި ކުލައާއި ޓީޝާޓް ފަދަ ކެމްޕެއިންނަށް ބޭނުން ކުރާ ތެކެތިވެސް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވި ގޮތުގައި، އެ ޕާޓީގެ އެޖެންޑާ 19 ކެމްޕެއިނަށް ވަކި އަދަދެއް ހަރަދުކުރުމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެމްޑީޕީ މަޖިލިސް ކެމްޕެއިންގައި އެޕާޓީގެ އެންމެ އިސްފަރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ތިން އަތޮޅަކަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވާފައެވެ. އެގޮތުން މިއަދު ރައީސް ވަޑައިގެންނެވީ ވ. އަތޮޅަށެވެ. މަދަމާ ރައީސް ސޯލިހް ވަޑައިގަންނަވާނީ، އެމަނިކުފާނު ނިސްބަތްވާ ޅ. އަތޮޅަށެވެ. އަދި ހޯމަ ދުވަހު ނ. އަތޮޅަށް ރައީސް ވަޑައިގަންނަވާނެއެވެ.

އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި މި ވަގުތު ހުންނެވީ އަވަށްޓެރި ސްރީލަންކާގައެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރެއެވެ.

comment ކޮމެންޓް