އެމެރިކާގެ އިންސާނީ ހައްގުތަކާބެހޭ ރިޕޯޓްގައި އެމެރިކާއާ އިދިކޮޅު ގައުމުތައް ކުށްވެރިކޮށްފި

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރިޕޯޓް ނެރުއްވަނީ

ވޮޝިންޓަން (މާޗް 14) : އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރޭ އިންސާނީ ހައްގުތަކާބެހޭ އަހަރީ ރިޕޯޓްގައި ޗައިނާއާއި އީރާނާއި އުތުރުކޮރެޔާއާއި ވެނެޒުއެލާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ކުރީކޮޅު އެމެރިކާ ނެރޭ ރިޕޯޓްގެ މިއަހަރުގެ ވާޝަންގައި އެހެން އަހަރުތަކުގެ ރިޕޯޓްތަކެކޭ އެއްގޮތަށް ޗައިނާއާއި އީރާނާ އަދި އުތުރުކޮރެޔާގެ އިންސާނީ ހައްގުތަކުގެ މައްސަލައަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު އެމެރިކާއާ ގާތް ގައުމުތަކުން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މި ރިޕޯޓްގައި އީރާނުން ސިޔާސީ ބޭނުންތަކުގައި މީހުން ހައްޔަރުކޮށް އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން މަރާފައިވާ ކަމަށް ބުނެފައިވާއިރު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އީރާނުން އެހީތެރިވުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ވަނީ ސިފަކޮށްފައެވެ.

ޗައިނާއާބެހޭގޮތުން އެމެރިކާގެ ރިޕޯޓްގައި ބުނެފައިވަނީ ޗައިނާއިން ގައުމުގެ އުއިގޯރ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުން ދާކަމުގައެވެ. އަދި ޗައިނާއިން އެގައުމުގެ ނަސާރާއިންނަށާއި ޓިބެޓް ދަރިކޮޅުގެ މީހުން ނިކަމެތިކޮށް އެމީހުންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އުތުރުކޮރެޔާގެ އިންސާނީ ހައްގުތަކާބެހޭގޮތުން ބުނެފައިވަނީ އެގައުމުގެ ސަރުކާރުން ސިޔާސީ ކުށްވެރިންގެ ގޮތުގައި އެއްލައްކަ ވިހި ހާސް މީހުން ޖަލަށްލާފައިވާ ކަމަށާ އޭގެތެރެއިން އަށް ހާސްމީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ކުރަމުން ގެންދާކަމުގައެވެ. ނަމަވެސް އެމެރިކާއިން އެހެން އަހަރުތަކުގައި ނެރެފައިވާ މިބާވަތުގެ ރިޕޯޓްތަކުގައި އުތުރުކޮރެޔާ ކުށްވެރިކޮށްފައިވާ ވަރާގާތަށްވެސް މިއަހަރުގެ ރިޕޯޓްގައި އުތުރުކޮރެޔާ ކުށްވެރިކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ރިޕޯޓްގައި އުތުރުކޮރެޔާ އެހާބޮޑަށް ކުށްވެރިކޮށްފައި ނުވަނީ އުތުރުކޮރެޔާއާއި އެމެރިކާގެ ރައީސުން މިދިޔަ އަހަރު ތެރޭގައި ބޭއްވި ސުލްޙައިގެ ވާހަކަތަކަށް ރިޢާޔަތް ކޮށްގެން ކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ރިޕޯޓްގައި ވެނެޒުއެލާގެ އިންސާނީ ހައްގުތަކާބެހޭގޮތުން ބުނެފައިވަނީ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުން ރައްޔިތުންގެ ނިކަމެތިކޮށް ސިޔާސީ ބޭނުންތަކުގައި އެމީހުންގެ އިންސާނީ ހައްގުތައް ގުރްބާންކުރާ ކަމުގައެވެ. އަދި މަދޫރޯއަކީ ވޯޓު އޮޅުވާލައިގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން ބިރު ދައްކައިގެން ވެރިކަމަށް އައިސްފައިވާ ޑިކްޓޭރަރެއް ކަމަށްވެސް ސިފަކޮށްފައިވެއެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރިޕޯޓްގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ އެމެރިކާއާ ގާތް ގައުމުތަކަށް އިޝާރާތް ކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ އާދައިގެ ގޮތަކަށެވެ. މިގޮތުން އިސްރާއީލާއި ސައޫދީ އާއި މިސްރާއި ޔޫއޭއީ ފަދަ އެމެރިކާއާ ގާތްގުޅުންތައް އޮންނަ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ތަފްސީލްކޮށް ގެނަސްދީފައިނުވާއިރު އެގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް މާބޮޑަށް ފާޑުކިޔާފައެއްވެސް ނުވެއެވެ.

ނަމަވެސް އިސްރާއީލާއި ސައޫދީ އާއި ޔޫއޭއީ އަކީ ދުނިޔޭގެ ފެންވަރުގައި ހަނގުރާމައިގެ ޖަރީމާތައް އެންމެ ފުޅާދާއިރާއެއްގައި ހިންގާ ގައުމުތައް ކަމަށް ބައިނަލްއަގްވާމީ މުއައްސަސާތަކުން ތުހުމަތުކޮށްފައިވެއެވެ. އެމެރިކާގެ ރިޕޯޓަކީ އެމެރިކާގެ އަމިއްލަ ބޭނުންތަކުގައި އިންސާނީ ހައްގުތަކުގެ ނަޖާއިޒު ފައިދާ ސިޔާސީ ގޮތުން ނެގުމުގެ ބޭނުމުގައި ނެރޭ ރިޕޯޓެއް ކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އެމެރިކާގެ ރިޕޯޓްގައި އެމެރިކާއިން ޓެރަރިޒަމާ އިދިކޮޅު ނަމުގައި ސޫރިޔާއާއި ޔަމަން، ސޮމާލިޔާ އަދި އަފްޣާނިސްތާނަށް ދޭ ހަމަލާތަކުގައި މަރުވަމުންދާ ކުށެއްނެތް މީހުންގެ ހައްގުތަކާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. (ނޫސްއެޖެންސީތަކާއި މީޑީޔާ ރިޕޯޓްތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު