ފުނަދޫ އެއާޕޯޓުގެ މަސައްކަތް ދެ ދުވަސްތެރޭ ނިމޭނެ: އެމްޓީސީސީ

ފުނަދޫ އެއާޕޯޓުގެ ރަންވޭ -- ފޮޓޯ: ޓްވިޓާ

ށ. ފުނަދޫގައި ތަރައްގީ ކުރާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓް އެޅުމަށް ބިން ހިއްކާފައިވަނީ ވެސް އެމްޓީސީސީ އިންނެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެމުން އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓް މެނޭޖުމެންޓް އަހުމަދު ލަތީފް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

"އެ މަސައްކަތް ނިމުމަށް ފަހު ޓެސްޓް ފްލައިޓު ޖައްސައިގެން އެއާޕޯޓު ބޭނުން ކުރެވޭ ހާލަތަށް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ގދ. މާވާރުލުގައި ތަރައްގީކުރާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ވެސް ކުރިއަށް އޮތް ދޮޅުމަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

"މާވާރުލު އެއާޕޯޓުގެ [ރަންވޭގެ] އޭބީސީ ލޭޔަރުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލެވި، ތާރުއަޅަން ރެޑީވެފައި [ވަނީ]. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ދޮޅުމަސްތެރޭ އެ މަސައްކަތް ނިންމާލެވުން،"

އެމްޓީސީސީ އާ ހަވާލުކޮށްގެން ހއ. މާފިނޮޅުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީ އިން މިއަދު ބުންޏެވެ.

comment ކޮމެންޓް