ލަތީފާ ގާސިމް ޖޭއެސްސީގައި އިންނަވަނީ ވަކީލުން ތަމްސީލު ކުރާކަށް ނޫން: އިންތި

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ވަކީލުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބުކޮށްފައިވާ ލަތީފާ ގާސިމް އެ ކޮމިޝަނުގައި އިންވަނީ ވަކީލުން ތަމްސީލު ކުރައްވަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

ލަތީފާ ޖޭއެސްއީ އަށް އިންތިހާބު ކުރީ 2014 ވަނަ އަހަރު އެވެ. އޭރު ލަތީފާ އިންތިހާބު ކާމިޔާބު ކުރެއްވީ 283 ވަކީލުންގެ ވޯޓާ އެކެ އެވެ. ވޯޓުލީ ބޭފުޅުންގެ ތެރޭގައި ފަނޑިޔާރުން ވެސް ހިމެނެ އެވެ. އިންތި ފާޑު ވިދާޅުވީ އެ އިންތިހާބުގައި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް ވޯޓު ލައިގެން ލަތީފާ އިންތިހާބުކޮށްފައި ހުރުމުންނެވެ.

ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލް ހެދުމަށް ބާރުދޭ ގާނޫނީ ފަންނުގެ ބިލު އަލުން ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ ލަތީފާ ޖޭއެސްސީއަށް އައްޔަން ކުރެއްވީ ފަނޑިޔާރުން ވޯޓު ދެއްވައިގެން ކަމަށެވެ.

"އެކަމަނާ [ލަތީފާ ގާސިމް] އެޕޮއިންޓް ކުރައްވާފައި ވަނީ ފަނޑިޔާރުން ވޯޓު ދެއްވައިގެން. ގާނޫނު އަސާސީގައި ބުނަނީ ވަކީލުންގެ ފަރާތުން ވޯޓުދީގެން އިންނަ މީހެކޭ ވަކީލުން ތަމްސީލުކުރުމަށް ޓަކައި ޖޭއެސްސީގައި އިންނަން މިޖެހެނީ. އެހެންނަމަވެސް އެކަމަނާ އައްޔަން ކުރުމަށް ޓަކައި ފަނޑިޔާރުން ކުއްލިއަކަށް ވަކީލުންނަށް ވެވަޑައިގަތީ." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ލަތީފާ ގާސިމްގެ ބަހެއް ހޯދަން ގުޅާލުމުން ފޯނު ނިވާލާފައި އޮތުމުން ގުޅޭ ގޮތް ވަނީ ނުވެފަ އެވެ.

އިންތި ވިދާޅުވީ ގާނޫނީ ފަންނުގެ ބިލު މިހާރު ހުށަހަޅާފައި ވަނީ ޖޭއެސްސީއަށް ވަކީލުން ފަރާތުން އައްޔަން ކުރާ ބޭފުޅަކު އިންތިހާބު ކުރަން ފަނޑިޔާރުންނަށް ވޯޓު ނުލެވޭގޮތަށް ލިޔުމަށް ފަހު ކަމަށެވެ.

https://sun.mv/116511

އިމްތިޔާޒް ފަހުމީ ވިދާޅުވީ ގާނޫނީ ފަންނުގެ ބިލަކީ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ކޮމިޓީން ފާސްކޮށްފައި އޮތް ބިލެއް ކަމަށެވެ. އެ ބިލު އަލުން އަނބުރާ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައި އެވަނީ ފަނޑިޔާރުން ނުފޫޒު ފޯރުވައިގެން ކަމަށް އިންތި ތުހުމަތު ކުރެއްވި އެވެ.

"ފަނޑިޔާރުން އަނެއްކާ ވެސް ގާނޫނީ ވަކީލުންގެ މި ޕްރިފެޝަންގެ ތެރެއަށް ވަދެވަޑައިގަތުމުގެ ބޭނުންފުޅުގައި އެބޭފުޅުންގެ ނުފޫޒުން. އަޅުގަނޑުމެންގެ މަޖިލީހުގައި ތިއްބަވާ ބައެއް ސިޔާސީ ބޭފުޅުންނާ ގުޅިވަޑައިގެން ޖޭއެސްސީގައި އިންނަވާ މެމްބަރަކު މި ކޮމިޓީއަށް ފޮނުއްވައިގެން އުޅޭ މައްސަލައެއް." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގާނޫނީ ފަންނުގެ ބިލަކީ ލީގަސް ޕްރޮފެޝަން ފަނޑިޔާރުންގެ ނުފޫޒުން މިނިވަން ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި އެ ބިލުގައި ބާ ކައުންސިލު އުފައްދާނެ ގޮތާއި ވަކީލުންގެ ކަންކަން ބަލަހައްޓާނެ ގޮތް ވެސް ތަފްސީލުކޮށްލިޔެފައިވާ ކަމަށް އިންތި ވިދާޅުވި އެވެ. އަދި ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމްގެ މަގާމު ގެއްލޭ ގޮތަށް އޮތް އޮތުން އިސްލާހުކޮށްފައި ވިޔަސް ބިލު އަވަހަށް ފާސް ކުރަން އިންތި ވަނީ އެދިވަޑައިގެންފަ އެވެ.

އިންތި ވިދާޅުވާ ގޮތުން ލަތީފާ ގާސިމް މަޖިލީހަށް ސިޓީ ފޮނުވީ ފަނޑިޔާރުން ނުފޫޒު ފޯރުވައިގެންނެވެ. އަދި އޭނާ އެދިލެއްވީ ފަނޑިޔާރުން ލީގަސް ޕްރޮފެޝަނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތަށް މަޖިލިސް މެމްބަރުން ފުރުސަތު ނުދެއްވުމަށެވެ.

"މިހާރު މި ނުފޫޒެއް ފޯރުވައިގެން މި އުޅުއްވަނީ. އަޅުގަނޑަށް ޔަގީންކަމާއެކުގައި ދަންނަވަން އެނގެނީ ކޯޓުތަކުން އަންގައިގެންނޭ. އެހެންވީމަ އެކަން އެހެންވިޔަ ނުދެއްވާށޭ. މިތަނުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ކޯޓުތަކާއި މާ ބޮޑަށް ގުޅުން ބަދަހި ބޭފުޅުން އަޅުގަނޑުމެންގެ ލީގަލް ޕްރޮފެޝަނަށް އައިގަންނަން ފުރުސަތު ނުދެއްވާށޭ." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

https://sun.mv/112452

ގާނޫނީ ފަންނުގެ ބިލު އަލުން އަނބުރާ މަޖިލީހަށް ފޮނުވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް އެ ބިލުގައި ހިމެނޭތީ ކަމަށް ލަތީފާ ގާސިމް މަޖިލީހަށް ފޮނުވި ސިޓީއަކާ އެކު މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފައާ ވެސް އެކު އެވެ.

ބިލުގެ 67 ވަނަ މާއްދާގައި ބުނެފައި ވަނީ ގަނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ޓަކައި ބާއްވަން ޖެހޭ އިންތިހާބު މި ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ބާ ކައުންސިލުން ހިންގާ ކޮމިޓީ ވުޖޫދަށް އަންނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ.

ލަތީފާ ގާސިމްގެ ޖޭއެސްސީ މެމްބަރު ކަމުގެ މުއްދަތު ހަމަވާނީ މި އަހަރު ނޮވެމްބަރު ހަޔަކަށެވެ. ނަމަވެސް މި ބިލު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ބާ ކައުންސިލުން ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ އެވެ.

comment ކޮމެންޓް